ENGLISH

22 އޭޕްރީލު 2025

Advertisement

ނިމުނު އަހަރު ދައުލަތަށް ލިބުނު ޓެކުސް އާމްދަނީ 6.7 އިންސައްތަ އިތުރުވެއްޖެ

04 ފެބްރުއަރީ 2025

|

ޝަރާ އަބްދުﷲ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ލޯގޯ

ފާއިތުވި 2024 ވަނަ އަހަރު ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 6.7 އިންސައްތަ އިތުރުވެއްޖެއެވެ.

މީރާއިން ޝާއިޢުކޮށްފައިވާ ޑިސެންބަރު މަހުގެ އާމްދަނީގެ ރިޕޯޓުން ފެންނަ ގޮތުގައި 2023 ވަނަ އަހަރު ދައުލަތަށް ޓެކްސްގެ ގޮތުގައި 24 ބިލިއަން ރުފިޔާ ލިބުނުއިރު، އ 2024 ވަނަ އަހަރު ލިބިފައިވަނީ 25.1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %6.7 ގެ އިތުރުވުމެކެވެ.

މި ރިޕޯޓުން ހާމަވާ ގޮތުގައި ގާތްގަނޑަކަށް ހުރިހާ ބާވަތެއްގެ ޓެކުހަކުން ވެސް ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ޖީއެސްޓީއިން 2023 ވަނަ އަހަރު ދައުލަތަށް  ލިބިފައިވަނީ 8.7 ބިލިޔަން ރުފިޔާއެވެ. 2024 ވަނަ އަހަރު މި އަދަދު ވަނީ 9 ބިލިޔަނަށް އިތުރުވެފައެވެ.

ޢާންމު ޖީއެސްޓީގެ ގޮތުގައި 2023 ވަނަ އަހަރު ވަނީ 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު 2024 ވަނަ އަހަރު މި އަދަދު ހުރީ 4.7 ބިލޔަނުގައެވެ.

ބޭންކް ޕްރޮފިޓް ޓެކްސް ނުވަތަ ބީޕީޓީގެ ގޮތުގައި 2023 ވަނަ އަހަރު ލިބިފައިވަނީ 967 މިލިއަން ރުފިޔާއެވެ. 2024 ވަނަ އަހަރު ބީޕީޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާވަނީ ލިބިފައެވެ.

ވިޔަފާރީގެ ފައިދާއިން ނަގާ ޓެކުހުގެ ގޮތުގައި 2023 ވަނަ އަހަރު 3.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު 2024 ވަނަ އަހަރު 4.1 ބިލިއަން ރުފިޔާއަށް މިއަދަދު އިތުރުވެފައިވެއެވެ. 

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 999 މިލިޔަން ރުފިޔާއެވެ. އަދި މިދިޔަ އަހަރު މި އަދަދު ވަނީ 1 ބިލިޔަނަށް އިތުރުވެފައިކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ. 

އާމްދަނީ ނަގާ ޓެކުހުގެ ގޮތުގައި 2023 ވަނަ އަހަރު 358 މިލިޔަން ރުފިޔާ ލިބުނު އިރު 2024 ވަނަ އަހަރު އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 390 މިލިޔަން ރުފިޔާއެވެ.

މީރާއިން ދަނީ، ޓެކްސް ދައްކަންޖެހޭ ފަރާތްތަކަކީ ޤަވައިދުން މީރާއަށް ޓެކްސް ދައްކަމުންދާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން، ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓެވުމާއި، ބޭންކު އެކައުންޓު ބެއްލެވުމުގައި އަމަލުކުރައްވާނެ ގޮތުގެ އުސޫލުގެ ދަށުން ޓެކްސް ނުދައްކާ ފަރާތްތަކުގެ އެކައުންޓުގައި ހުރި ފައިސާ ވަކި ޝަރުތުތަކާއެކު ހިފެހެއްޓެވުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.

މީގެ ކުރިން ފިޔަވަޅު އެޅޭނީ ޓެކްސްފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ 60 ދުވަސް ފާއިތުވުމަށްފަހު ކަމުގައިވީ ނަމަވެސް އެޤަވައިދު އިތުރަށް ހަރުދަނާކޮށް މިހާރު އަލަށް ގެނައި އިސްލާހުގައި އެ ފަރާތްތަކަށް ދޭން ޖެހޭ ނޯޓިސްތައް ދިނުމަށް ފަހު ވަގުތުން މީރާއަށް ފިޔަވަޅު އެޅުއްވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު