ENGLISH
22 އޭޕްރީލު 2025
އަލަށް ކެންސަރު ޖެހޭ މީހުން ވަރަށް ގިނަ: މާލޭ ސަރަހައްދުގައި އެކަނި 1،600 މީހުން ކެންސަރަށް ފަރުވާ ހޯދާ
04 ފެބްރުއަރީ 2025
|
ހުޅުމާލެ ހޮސްޕިޓަލު: މިދިޔަ މަހު އަލަށް ކެންސަރު ޖެހިގެން 18 މީހުން ރިޕޯޓުކުރި
ކެންސަރު ރަޖިސްޓްރީގައި މިހާތަނަށް މާލޭ ސަރަހައްދުގައި 1,600 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން ވިދާޅުވީ ކެންސަރު ރަޖިސްޓްރީގައި ހިމެނެނީ 2019 ވަނަ އަހަރުން ފެށިގެން އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދަމުންދާ ފަރާތްތައް ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި އެ ހޮސްޕިޓަލުގައި މިދިޔަ ޖެނުއަރީ މަހު އެކަނި، އަލަށް ކެންސަރު ޖެހިގެން 18 މީހުން ވަނީ ރަޖިސްޓަރީ ކޮށްފައެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ މަހަކު އެވްރެޖްކޮށް 10-15 މީހުން އަލަށް ރަޖިސްްޓްރީކުރާ ކަމަށެވެ.
ފެބުރުއަރީ 4 އަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. 2025 ވަނަ އަހަރު ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "United by unique" އެވެ. މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެވެނީ މި ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް މި ބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާ މެދު މަޢުލޫމާތު ފޯރުކޮށް ދިނުމަށެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހާމަކުރާ ގޮތުގައި ކެންސަރުގެ ހުރިހާ ކޭސްތަކުގެ 30 އާއި 50 ޕަސެންޓާ ދެމެދުގެ ޢަދަދަކީ ބަލިން ރައްކާތެރިވެވޭ ކޭސްތަކެވެ. ކެންސަރު ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ ޚަރަދު ކުޑަ ދިގު މުއްދަތުގެ ސްޓްރެޓެޖީއަކީ އެކަމަށް ދުރާލާ ރައްކާތެރިވުން ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން މަޢުލޫމާތުދެއެވެ.
ދިވެހިރާއްޖޭގައި ކެންސަރުގެ އެންމެ ޢާއްމު ވައްތަރުތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ރަޙިމުގެ ދޮރަށްޖެހޭ ކެންސަރާއި، ތައިރޮއިޑް ކެންސަރާއި އޮވަރީގެ ކެންސަރު ހިމެނެއެވެ. އަދި ކުޑަކުދިންގެ މެދުގައި ލޭގެ ކެންސަރު ފެންނަ މިންވަރުދަނީ އިތުރުވަމުންނެވެ.
މީގެ ކުރިން ކެންސަރު ބަލިޖެހިފައިވާކަން އެނގެނީ ބަލީގެ އެންމެ ފަހުގެ މަރުހަލާގައި ފަރުވާ ކުރުން ލަސްވެފައި ވަނިކޮށެވެ. އެހެން ނަމަވެސް ރާއްޖޭގައި މިހާރު މިކަމަށް ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި، ސްކްރީނިންތަކުގެ ސަބަބުން މީހުންނަށް މައުލޫމާތު އެނގެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާރޓްމަންޓްގެ ވޯޑް މެނޭޖަރ ފާތިމަތު އިހްސާނާ ވިދާޅުވީ ކެންސަރަށް ހޭލުންތެރިކުރުމަށް ހިންގާ ކެމްޕެއިންގެ ނަތީޖާއެެއްގެ ގޮތުން މިހާރު ކެންސަރު ބަލީގެ ފުރަތަމަ މަރުހަލާގައި ފަރުވާ ހޯދާމީހުން ގިނަ ކަމަށެވެ. އެއީ މީހުން މިކަމަށް ހޭލުންތެރިކަން އިތުރުވުމުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި 30 އިންސައްތައިގެ ކެންސަރ އަކީ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން މެދުވެރިވާ ކެންސަރުތަކެކެވެ. އޭގެ ތެރޭގައި ބައެއް ނުރަނގަޅު އާދަތައް ކަމަށްވާ ދުންފަތުގެ އިސްތިއުމާލު ކުރުން، ދުފުން ހިމެނޭ ކަމަށް ޑޮކްޓަރުން ފާހަގަކުރެއެވެ.
މީގެ އިތުރުން މީހާގެ ބަރުދަން ހުންނަންވާ މިންވަރަށް ވުރެ އިތުރުވުމާއި، ތާޒާ ކާނާ މަދުން ކެއުމާއި، ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާ ބޭނުންކުރުން އިތުރުވުމަކީ ވެސް ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ.
ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެގިނައިން މީހުން މަރުވާ ސަބަބެވެ. ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވެއެވެ. މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ކެންސަރު ބަލި ޖެހި މަރުވާ މީހުނެވެ. ކެންސަރު ޖެހުމަށް ގިނައިން މަގުފަހިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ހިރާސްތަކުގެ ސަބަބުންނެވެ. އެހެންކަމުން މިފަދަ އަމަލުތަކުން ދުރުވުމާއި ކެންސަރު ބަލި ދުރާލާ ދެނެގަތުމަށް ސްކްރީން ކުރުމަކީ ބަލި ޖެހުމުގެ ފުރުސަތު ހަނިކޮށް އަދި ބަލި ޖެހިފައިވާނަމަ ބައްޔަށް އަވަހަށް ފަރުވާ ހޯދާ ބަލި ރަނގަޅުވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެކެވެެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖޭގެ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުގެ މައްޗަށް އަންދާޒާކޮށްފައިވާ ގޮތުގައި ދިވެހި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައެވެ.