ENGLISH
22 އޭޕްރީލު 2025
ށ. ފަރުކޮޅުން ވެލިނަގާ މައްސަލަ އީޕީއޭއިން ބަލަން ފަށައިފި
04 ފެބްރުއަރީ 2025
|
ޙިމާޔަތްކޮށްފައިވާ ށ. ފަރުކޮޅު: އެރަށުން ވެލިނަގާ މައްސަލަ ބޮޑުވެ އީޕީއޭއިން ވަނީ ބަލަން ފަށާފައި.
ޙިމާޔަތްކޮށްފައިވާ ށ. ފަރުކޮޅުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދާ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލަން ފަށާފައިވާ ކަމަށް ށ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެ އެވެ.
ށ. ފަރުކޮޅުން ޤަވާއިދާ ޚިލާފަށް ވެލިނަގާ މައްސަލައާ ގުޅިގެން މިއަދު އަތޮޅު ކައުންސިލުން އާއްމުކުރި ބަޔާނުގައި ވިދާޅުވީ، ފަރުކޮޅަކީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއް ކަމަށެވެ.
ޙިމާޔަތްކޮށްފައިވީ ނަމަވެސް ށ. ފަރުކޮޅުގެ ގޮނޑުދޮށުންނާއި، ތުނޑިން އަދި ފަޅުތެރެއިން އުދެއްޔާއި ފަކީރާއިން ވެލިނެގުމާއި، ޕަންޕު ބޭނުންކޮށްގެން ވެލިނެގުމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ށ. އަތޮޅު ކައުންސިލުން ވިދާޅުވީ، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު އީޕީއޭއިން ބަލަމުންދާކަން، އެ އޭޖެންސީއިން ކައުންސިލަށް އަންގަވާފައިވާ ކަމަށެވެ.
އެ ސަރަޙައްދުން ވެލިނެގުން ޤާނޫނުގެ ދަށުން މަނާކޮށްފައިވާއިރު، ޤުދުރަތީ ނުވަތަ ޠަބީޢީ ގޮތުގައި ރައްކާކޮށް ދަމަހައްޓާ ތަންތަނާއިބެހޭ ޤަވާއިދުގެ ދަށުން ވެސް އެއީ މަނާކަމެއް ކަމުގައި ކައުންސިލްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ށ. އަތޮޅު ކައުންސިލްގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ށ. ފަރުކޮޅު ސަރަޙައްދަކީ އެ ސަރަޙައްދުގެ ޤުދުރަތީ ރީތިކަމާއި ފުރިހަމަކަމުގެ އިތުރުން އެތައް ސަބަބުތަކަކަށްޓަކައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދެއް ކަމަށެވެ. ވުމާއެކު، އެފަދަ ސަރަޙައްދުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، އަންނަން އޮތް ޖީލުތަކަށް އެތަންތަން ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މުއައްސަސާތަކަށް ބޭނުންވާނެ ކަމުގައި ށ. އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.
އަތޮޅު ކައުންސިލުން ވަނީ، އެ ސަރަޙައްދުން ވެލިނަގާ ފަރާތެއްގެ މަޢުލޫމާތު އެނގޭ ނަމަ އީޕީއޭއަށް އެ މަޢުލޫމާތު ޙިއްސާކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ހިމާޔަތްކޮށްފައިވާ ފަރުކޮޅަކީ ހަތް ކުޅި ހިމެނޭ، ޗަސްބިން ބޮޑު، ޤުދުރަތީ ރީތިކަން ބޮޑު ރަށެކެވެ. އަދި، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބައެއް ދޫނި އެރަށަށް ބިސް އަޅައެވެ. މީގެއިތުރުން، ދުނިޔެއިން ވެސް ނެތިދިއުމުގެ ބިރުހީވެފައިވާ ބައެއް ބާވަތުގެ މަހާއި ފަރުގެ ދިރުންތައް ވެސް އެރަށުގައި އާލާވެއެވެ. އެ ހުރިހާ ކަމަކާއެކު ށ. ފަރުކޮޅަކީ ވަރަށް ޚާއްޞަކަމެއް ދީގެން ޙިމާޔަތްކޮށްފައިވާ ސަރަޙައްދެކެވެ.