ENGLISH

22 އޭޕްރީލު 2025

Advertisement

ޖަޕާނާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

04 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޖަޕާނުގެ އައު ސަފީރާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ޖަޕާނުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާމެދު އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ. 

ޖަޕާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރުމީކޯ މިއަދުވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެކަމަނާގެ މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. 

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން އެކަމަނާ ވަޑައިގަތީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ. 

ސަފީރުގެ މަޤާމުގެ ފަތްކޮޅު ރައީސަށް އެރުވުމުން، ރައީސް ޑރ.މުޢިއްޒުވަނީ ޖަޕާނުގެ ސަފީރަށް ތަހުނިޔާ އަރިސްކުރެއްވުމާއެކު ރާއްޖެއަށް ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވެފައެވެ. 

އަދި ސަފީރާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެއާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ކާރިސާތައް މެނޭޖުކުރުމާއި އިޢާދަކުރަނަވި ހަކަތައިގެ ދާއިރާއިން ފުރުޞަތުތައް ފަހިކުރުން ފަދަ ދާއިރާތައް ހިމެނެއެވެ. 

އަދި ދެ ޤައުމުގެ ޒަމާންވީ ގުޅުމަށް އަލިއަޅުވައިލައްވައި، މިގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކުރުމުގެ މައްޗަށް ރައީސްވަނީ ސަފީރާ މަޝްވަރާކުރައްވައި ވާހަކަދައްކަވާފައެވެ. 

އޭގެ އިތުރަށް ޖަޕާނު ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ޒަމާނުއްސުރެ ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ރައީސްވަނީ އެ ޤައުމަށް ޝުކުރު އަދާކުރައްވާފއެވެ. 

1967 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުގައި ދިވެހިރާއްޖެއާއި ޖަޕާނުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން ޖަޕާނަކީ އެކި ދާއިރާތަކުން ރާއްޖޭގެ ކުރިއެރުމަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ. 

އެގޮތުން ރާއްޖޭގެ ފުރަތަމަ މަސް ކާރުޚާނާ ޤާއިމުކުރުމާއި މާލެއާއި އަތޮޅު ތެރޭގައި ސުކޫލުތައް ބނާކުރުމާއި ވެރިރަށް މާލޭގެ ބޭރު ތޮށިލުން ފަދަ ގިނަ މަސައްކަތްތަކެއްގައި ޖަޕާނުން ރާއްޖެއަށް ދީލަތި ގިނަ އެހީތަކެއް ފޯރުކޮށްދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު