ENGLISH

22 އޭޕްރީލު 2025

Advertisement

ޞިއްޙީ ޚިދުމަތް ކުރިއެރުވުމާ މެދު ދެކުނު ކޮރެއާއާއެކު މަޝްވަރާކުރައްވައިފި

04 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމު ދެކުނު ކޮރެއާގެ ހެލްތު އެންޑް ވެލްފެއަރގެ ވައިސް މިނިސްޓަރ ޕާކް މިންސޫއާ ބައްދަލުކުރައްވަނީ، ފޮޓޯ: ހެލްތު މިނިސްޓްރީ

ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތް ކުރިއެރުވުމާ ގުޅޭ ގޮތުން ދެކުނު ކޮރެއާއާއެކު ސަރުކާރުން މަޝްވަރާކުރައްވައިފިއެވެ. 

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ސްވިޒްލޭންޑުގެ ޖެނީވާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ބައްދަލުވުމުގެ ހަވާސާގައި ދެކުނު ކޮރެއާގެ ހެލްތު އެންޑް ވެލްފެއާ މިނިސްޓްރީގެ ވައިސް މިނިސްޓަރ ޕާކް މިންސޫއާ ބައްދަލުކުރައްވާފައިވެއެވެ. 

މި ބައްދަލުވުމާ ގުޅިގެން ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި އެ ބައްދަލުވުމުގައި ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާމެދު ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. 

އެގޮތުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް ދެކުނު ކޮރެއާއިން ތަމްރީނު ދިނުމާމެދު މަޝްވަރާކުރައްވާފައިވެއެވެ. އަދި ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ޑިޖިޓައިޒްކުރުމަށްޓަކައި ޑިޖިޓަލް ޙައްލުތައް ތަންފީޒުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. 

އަދި ޞިއްޙި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސް އެބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. 

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ނާޒިމު ކުރައްވަމުންދާ ދަތުރުފުޅާ ގުޅިގެން ހެލްތު މިނިސްޓްރީން ވިދާޅުވެފައިވަނީ އެ ބައްދަލުވުމުގެ ހަވާސާގައި އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ދޭދޭ ޤައުމުތަކުން އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު