ENGLISH

22 އޭޕްރީލު 2025

Advertisement

ލ. ގަމުގެ ފެނުގެ މަޝްރޫޢު ނިމި ޚިދުމަތް ދޭން ފަށައިފި

04 ފެބްރުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ލ. ގަމުގެ ފެނުގެ މަޝްރޫޢު ނިމި ޚިދުމަތް ދޭން ފަށައިފި ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް 2021 ވަނަ އަހަރު ފެށި މަޝްރޫޢުގެ ދަށުން، ލ.ގަމުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ގަމުގައި 250 ޓަނުގެ 2 އާރްއޯ ޕްލާންޓެއް ޤާއިމުކޮށްފަައިވެއެވެ.  އަދި ފެން ރައްކާކުރުމަށް 1080 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 720 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކު ވަނީ ޤާއިމުކޮށްފައެވެ.

މި މަޝްރޫޢުގެ ތެރެއިން ގަމުގައި 60 ޓަނުގެ ވާރޭ ފެން ޕްލާންޓެއް ޤާއިމުކޮށް 900 ޓަނުގެ ވާރޭ ފެން ރައްކާކުރާ 1 ޓޭންކުވެސް ޤާއިމުކޮށްފައިވެއެވެ. އަދި ޕްލާންޓްތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް 25 ކިލޯވޮޓްގެ އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއްވެސް ވަނީ ޤާއިމުކޮށްފައެވެ.  

މި މަޝްރޫއުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މިވަގުތު ޚިދުމަތް ފޯރުކޮށްދެނީ ސަޕްލަޔާ ޑިފެކްޓްސް ލައެބިލިޓީގެ ދަށުންނެވެ.

ލާމު ގަމުގެ ފެނުގެ މަޝްރޫއު ހިންގާފައިވަނީ އިންޑިއާގެ އެކްސިމް ބޭންކްއިން ދޫކުރި ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. މި މަސައްކަތް ނިންމާ އިންޑިއާއިން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު