ENGLISH
22 އޭޕްރީލު 2025
ކެންސަރު ބަލީގެ ދުވަހާ ގުޅިގެން، ދުންފަތާ ދުރުހެލިވުމަށް ރައީސް އިލްތިމާސްކުރައްވައިފި
04 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން، ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވަައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ދުންފަތުގެ އިސްތިޢުމާލުކުރުމުން މީހުން ދުރުހެލިކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ވަރަށް ގިނަ ފިޔަވަޅުތައްް އަޅުއްވަމުންނެވެ. އެގޮތުން ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ޢާންމުވެ ކުޑަކުދިންވެސް އެކަމެއްގެ އަވާގައިޖެހެމުންދިޔަ ވޭޕު މަނާކުރެއްވުމަށް ނިންމަވައި ސަރުކާރުން ޤާނޫނު އިސްލާހުކުރަން ހުށަހަޅުއްވައިގެން މިހާރު ވޭޕް އެތެރެކުރުމާއި، އޭގެ ވިޔަފާރިކުރުމާއި ބޭނުންކުރުން މަނާކުރައްވާފއިވެއެވެ.
އެއާއެކު ދުންފަތުގެ އެހިނެހެން ބާވަތްތައް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން ދުންފަތުގެ ބާވަަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ޤާނޫނަށް ގެންނަވަންޖެހޭ ބަދަލުތައް ސަރުކާރުންވަނީ ގެންނަވާފައެވެ.
އަދި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ސަރުކާރުން ގެންނެވި ބަދަލަކީ ދުންފަތާއި ދުންފަތުގެ އުފެއްދުންތައް ގަނެވޭނެ ޢުމުރުފުރާ ބަދަލުކުރެއްވުމެވެ. ކުރިން 18 އަހަރުން މަތީ ކޮންމެ މީހަކަށް ދުންފަތުގެ ބާވަތްތައް ގަނެވުނު ނަމަވެސް މިހާރު ދުންފަތުގެ ބާވަތްތައް ގަނެވޭނީ 21 އަހަރުން މަތީގެ މީހުންނަށެވެ.
ކެންސަރު ބަލީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި، ކެންސަރު ބަލިޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލުކުރުންކަން ފާހަގަކުރައްވަމުން، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މިނުބައި އާދައިން ދުރުވުމަށް ޢަޒުމު ކަނޑައެޅުމަށް ރައީސް ޑރ.މުޢިއްޒު އިލްތިމާސްކުރެއްވިއެވެ.
އިތުރަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ އެކީގައި ކުރާ މަސައްކަތާއި، ހިއްސާވަނިވި ޒިންމާގެ ތެރެއިން، ހާސިލުކުރަން ބޭނުންވާ އަމާޒަކީ، އަދުލުވެރި ގޮތެއްގައި އެންމެނަށް ރަނގަޅު ފަރުވާއަށް ވާސިލުވެވޭނެ މަގުފަހިކުރެއްވުން ކަމަށެވެ.