ENGLISH

22 އޭޕްރީލު 2025

Advertisement

ޞިއްޙީ ޚިދުމަތް ހަމަހަމަ ގޮތެއްގައި ލިބޭނެކަން ކަށަވަރުކުރުމުގައި އެއް އަމާޒަކަށް މަސައްކަތްކުރުމަށް ހެލްތު މިނިސްޓަރ ގޮވާލައްވައިފި

03 ފެބްރުއަރީ 2025

|

ހަސަން އާމިރު

މޫސުމާ ގުޅުންހުރި ޞިއްޙީ ނުރައްކާތައް ޙައްލުކުރުމާއި، ޞިއްޙީ ޚިދުމަތް ހަމަހަމަ ގޮތެއްގައި ލިބޭނެކަން ކަށަވަރުކުރުމުގައި އެއް އަމާޒަކަށް މަސައްކަތްކުރުމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

ސުވިޓްޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ މެންބަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކފުޅު ދައްކަވަމުން، މިނިސްޓަރ ނާޒިމް ވަނީ ޞިއްޙީ ދާއިރާއިން ރާއްޖެއިން އިސްކަންދޭ ކަންކަމާ ގުޅޭގޮތުން އަލިއަޅުވާލައްވާފައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ "ހެލްތު ފޯރ އޯލް" މި ޝިޢާރުގެ ދަށުން ޞިއްޙީ ޚިދުމަތްތައް އެންމެންނަށް ހަމަހަމަކޮށް، އެއްވެސް މީހަކު އިސްތިސްނާނުކޮށް ފޯރުކޮށްދިނުމަށް ކަމަށެވެ. މިގޮތުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ޕްރައިމަރީ ހެލްތު ކެއަރ (ޕީއެޗްސީ) ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ތިމާވެށްޓަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަކުރުމަށާއި، ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، ކުރިމަގުގައި ޤާއިމުކުރެވޭ ހޮސްޕިޓަލްތަކަކީ ތިމާވެށްޓާ ރައްޓެހި، ޒަމާނީ ވަސީލަތްތަކާ އެކު ޤާއިމުކުރެވޭ "ގްރީން ސްމާޓް ހޮސްޕިޓަލް" ތަކަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން، ޒުވާނުން ދުންފަތުގެ އިސްތިޢުމާލް ކުރުމުން ރައްކާތެރިކުރުމަށާއި، ގައިންގަޔަށް ނާރާ ބަލިތަކާއި އެހެނިހެން ބަލިތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ދިވެހި ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓް (އީ-ސިނގިރޭޓް) ގެ ބޭނުންކުރުން މިހާރު މަނާކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޞިއްހީ ކުއްލި ނުރައްކާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އަސަރުތައް ހިމެނޭގޮތަށް، ދުނިޔެއަށް ދިމާވެފައިވާ އެކިއެކި ޞިއްޙީ ގޮންޖެހުންތައް ޙައްލުކުރުމުގައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް އާއި އެ ޖަމްޢިއްޔާގެ އިސްވެރިން ފޯރުކޮށްދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު