ENGLISH

22 އޭޕްރީލު 2025

Advertisement

އެޗްޑީސީން ސަސްޕެންޑްކުރި ބައެއް މުވައްޒަފުންގެ ވަޒީފާ އިޔާދަކޮށްފި

03 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ހިންގަމުންދާ ޖިނާޢީ ތަހްޤީގާ ގުޅިގެން، މިދިޔަ ޑިސެމްބަރު މަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާއިން ވަކިކުރުމަށް ފަހު، ސަސްޕެންޝަނަށް ބަދަލުކުރި ބައެއް މުވައްޒަފުންގެ ވަޒީފާ މިއަދު އިޔާދަކޮށްފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ވަނީ، ސަސްޕެންޑްކުރި 15 މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންގެ ވަޒީފާ މިއަދު އިޔާދަކޮށްފައިވާކަން "އެމްއެމް ޓީވީ" އަށް ކަށަވަރުކޮށްދެއްވާފައެވެ. މުވައްޒަފުންގެ ސަސްޕެންޝަނާއި ގުޅޭ އިތުރު މަޢުލޫމާތު އެކުންފުނިން ޙިއްސާކުރައްވަމުން ގެންދަވާނެކަމަށް އެޗްޑީސީ އިން ވިދާޅުވެފައިވެއެވެ.

އެޗްޑީސީން ތަޙްޤީގު ފެށީ މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން، ގޯތި ނުލިބޭ ބަޔަކަށް ޤަވާއިދާ ޚިލާފަށް ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ މިދިޔަ ޑިސެމްބަރު މަހު ފެންމަތިވުމާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ނުއަގުގައި ބިންތަކެއް ވިއްކުމާއި އަދި ވިނަރެސް ފްލެޓް ދިނުމުގެ މައްސަލަތަކެއް ވެސް ފެންމަތިވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފެންމަތިވި މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ސަސްޕެންޑްކުރި ފަރާތްތަކުގެ ތެރޭގައި، އޭރު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ހިމެނެއެވެ. ސަސްޕެންޝަނުގައި ހުންނެވި މުއްދަތުގައި ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިސްތިއުފާދެއްވައިފައެވެ.

ސަރުކާރާއި ކުންފުނިތަކުގައި ޤާނޫނާއި ޤަވާއިދާ ޚިލާފު ކަންކަން ބެލުމަށް ފަހު، އެކަންކަމުގައި ޝާމިލުވާ ފަރާތްތަކާއިމެދު ސަރުކާރުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އަދި، ބައެއް މައްސަލަތަކުގެ ޖިނާޢީ ތަޙްޤީގު ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު