ENGLISH
07 ޖުލައި 2025
ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއް އަތުލައިގަނެ ތަޙްޤީގު ފަށައިފި
03 ފެބްރުއަރީ 2025
|
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާ ކޭސްތައް. ފޮޓޯ: ޕޮލިސް.އެމްވީ
ދިވެހި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ޤަވާއިދާ ޚިލާފަށް ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއް އަތުލައިގަނެ، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ ފެބްރުވަރީ ދެ ވަނަ ދުވަހު، އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެތަކެތި އަތުލައިގަތީ ކަނޑުމަތިން ކަމަށެވެ.
އޮޕަރޭޝަނުގައި، ދިއްގަރުފަޅާއި މަހިބަދޫއާ ހިސާބުން ކަނޑުމަތިން ދޯންޏަކާއި ސަފާރީއެއް ބަލައި ފާސްކުރިއިރު، 1794 ފުޅި ބަނގުރަލާއި 1680 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެތަކެއްޗަކީ ޤަވާއިދާ އެއްގޮތަށް ބޮންޑެޑް ވެއާހައުސްއިން ނެރެގެން ރިސޯޓަކަށް ގެންދަން އުޅުނު ތަކެތި ކަމަށާއި، އެކަމަކު އެތަކެތި ސަފާރީއަށް އަރުވާފައިވަނީ ޤަވާއިދާ ޚިލާފަށްކަން ތަޙްޤީގުން މިހާތަނަށް ބެލިބެލުމުން ފާހަގަވެފައިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ، އޮންނަ އުޞޫލުގެ ދަށުން އަންނަނީ ނައްތާލަމުންނެވެ. އެގޮތުން ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން ވަނީ އެކި މައްސަލަތަކުގައި އެ ޚިދުމަތުގެ ތަޙްޤީގަށް ގެނެވުނު، 2185 ބްރޭންޑެޑް ފުޅިއާއި 213 ޕެޓް ފުޅި އަދި 2001 ދަޅު ބަނގުރާ ނައްތާލާފައެވެ. އަދި، އެހެނިހެން ތަކެތީގެ ގޮތުގައި 81 އައިޓަމް ނައްތާލާފައިވެއެވެ.
އދ. އަތޮޅުގައި ޤަވާއިދާ ޚިލާފަށް ސަފާރީއަށް އެރުވި ބަނގުރާ ކޭސްތަކުގެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުން ވިދާޅުވީ އެ މައްސަލަ ތަޤްޤީގުކުރަމުން އަންނަކަމަށެވެ.