ENGLISH

06 ޖުލައި 2025

Advertisement

ގަރާޖު ދެއްކުމުން ނޫނީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ނުކުރެވޭގޮތް ހަދައިފި

03 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ހަތަރު ފުރޮޅުލީ އުޅަނދު މިހާރު ރަޖިސްޓްރީ ކުރެވޭނީ، އުޅަނދު ބާއްވާނެ ޞައްޙަ ގަރާޖެއް ދެއްކުމަށް ފަހުގައިކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.  

އެ ވުޒާރާއިން ވިދާޅުވީ، ނިންމުމާއެކު ޤާނޫނާއި ޤަވާއިދުގެ ތެރެއިން ނޫންގޮތަކަށް މީގެފަހުން އުޅަނދު ރަޖިސްޓްރީ ނުކުރެވޭނެ ކަމަށެވެ.

ގަރާޖުގެ ޞައްޙަކަން އެ ވުޒާރާއިން ކަށަވަރުކުރަައްވާނީ ހުށަހަޅާ ލިޔެކިއުމަށް ބެލުމަށްފަހު އެތަނަކަށް ގޮސްގެންނެވެ. އެ ވުޒާރާއިން ވިދާޅުވިގޮތުގައި، އެ ނިންމުމުގެ މައިގަނޑު މަޤްޞަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމުގައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ވުޒާރާގެ ޒިންމާ އަދާކޮށް އުޞޫލުން ބޭރުން ރަޖިސްޓްރީ ވަމުންދިޔަ ދިއުން ނިމުމަކަށް ގެނައުމެވެ.  

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، 2024 ވަނަ އަހަރު މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކޮށްފައިވާ ހަތަރު ފުރޮޅުލީ އުޅަނދުގެ ނިސްބަތް ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން 2023 ވަނަ އަހަރާއި އަޅާބަލާއިރު 2024 ވަނަ އަހަރު ހަތަރު، ރަޖިސްޓްރީކުރި ހަތަރު ފުރޮޅުލީ އުޅަނދުގެ ނިސްބަތް 74.1 އިންސައްތަ ދަށްވެފައިވެއެވެ.

ގަރާޖު ސިޓީ ހުށަނާޅައި 10،000 ރުފިޔާ ދެއްކުމުން ޓެކްސީތައް ރަޖިސްޓްރީ ކުރެވޭގޮތް ރައީސް ޢިބްރާހީމް މުޙައްމަދު ޞޯލިހުގެ ސަރުކާރުގައި ނިންމެވިއެވެ. ގަރާޖެއް ނެތަސް ޓެކްސީ ރަޖިސްޓްރީ ކުރެވޭގޮތަށް އުޞޫލު ބަދަލުކުރުމުން، އުޅަނދުތައް ގިނަވެ ޓްރެފިކްގެ މައްސަލަތައް އިންތިހާއަށް ބޮޑުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު، އެޓަރނީ ޖެނެރަލްގެ ލަފާފުޅާއެކު، ގަރާޖެއް އޮވެގެން ނޫނީ ޓެކްސީ ރަޖިސްޓްރީ ނުކުރެވޭގޮތަށް ޤަވާއިދަށް ބަދަލުގެންނެވިއެވެ.

މިހާރު ޢަމަލުކުރަމުންދާ އާ އުޞޫލާއެކު މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުކުރުމާއި، ޤަވާއިދާއި އެއްގޮތަށް އުޅަނދުތައް ރަޖިސްޓްރީކުރުން ކަށަވަރުވެގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި، ޕާކުކުރެވިފައި ހުންނަ އުޅަނދުތައް މަދުވެ، ދަތުރުފަތުރުގެ ތޮއްޖެހުމަށް ލުޔެއް ލިބިގެންގޮސްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު