ENGLISH

06 ޖުލައި 2025

Advertisement

މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ސަރުކާރު ކުންފުނިތަކުގެ އާމްދަނީ 7 އިންސައްތަ އިތުރުވި

03 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ޕީސީބީން ކޮންމެ ކުއާޓާއެއްގައިވެސް ދައުލަތުގެ ކުންފުނިތަކުގެ މާލީ ހިސާބުތައް އާންމުކުރައްވާ، ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފާއިތުވި 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ދައުލަތުގެ ކުންފުނިތަކަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ހަތް އިންސައްތަ އިތުރުވެފައިވާކަން ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ޢާންމުކުރި ހިސާބުތަކުން ދައްކައިފިއެވެ. 

ޕީސީބީން ޢާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ދައުލަތުގެ ކުންފުނިތަކަށް ޖުމްލަ 11.65 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ދައުލަތުގެ ކުންފުނިތަކަށް އާމްދަނީގެ ގޮތުގައި ލިބުނީ 10.90 ބިލިއަން ރުފިޔާއެވެ. 

ދައުލަތުގެ ކުންފުނިތަކަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ދައުލަތުގެ ކުންފުނިތަކުގެ ފައިދާ ވަނީ ދަށްވެފައެވެ. އެގޮތުން 2024 ގެ ދެވަނަ ކުއާޓާގައި ދައުލަތުގެ ކުންފުނިތަކަށް ފައިދާގެ ގޮތުގައި ލިބުނީ 1.32 ބިލިއަން ރުފިޔާއެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި 1.38 ބިލިއަން ރުފިޔާ ލިބުނެވެ. 

އެހެންކަމުން ފާއިތުވި އަހަރުގެ ދެވަނަ ކުއާޓާގައި ދައުލަތުގެ ކުންފުނިތަކަށް ލިބުނު ފައިދާ ވަނީ އޭގެ ކުރީ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު ހަތަރު  އިންސައްތަ ދަށްވެފައެވެ. 

ދެހާސް ތޭވީސް ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ދައުލަތުގެ ކުންފުނިތަކުގެ އެސެޓުތަކުގެ އަގަކީ 169.34 ބިލިއަން ރުފިޔާއެވެ. އެ އަދަދު 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓާގެ ނިޔަލަށް 189.51 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، އެއީ އަހަރުން އަހަރަށް ބަލާނަމަ 12 އިންސައްތައިގެ އިތުރުވުމެކެވެ. 

ނިމުނު އަހަރު ދައުލަތުގެ ކުންފުނުތަކުން ނަގާފައިވާ ދަރަންޏާއި ލޯނުގެ ޖުމްލަ ޢަދަދު 53.64 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު އެއީ 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު 64 އިންސައްތައިގެ އިތުރުވުމެކެވެ. 

ފާއިތުވި އަހަރު ދެވަނަ ކުއާޓާގެ ނިޔަލަށް ދައުލަތުގެ ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި 1.08 ބިލިއަން ރުފިޔާ ސަރުކާރުން ދެއްވާފައިވާއިރު، ކެޕިޓަލްގެ ގޮތުގައި 359.18 މިލިއަން ރުފިޔާ ދެއްވާފައިވެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ދައުލަތުގެ ކުންފުނިތަކަށް އެ މުއްދަތުގައި 82.6 މިލިއަން ރުފިޔާ ދެއްވާފައިވާކަން ޕީސީބީގެ ހިސާބުތަކުން ދައްކައެވެ. 

އެހެންކަމުން ފާއިތުވި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި ސަރުކާރުން ދައުލަތުގެ ކުންފުނިތަކަށް މާލީ އެހީތެރިކަމުގެ ގޮތުގައި ޖުމްލަ 1.5 ބިލިއަން ރުފިޔާ ދެއްވާފައިވެއެވެ. އެއީ 2023 ވަނަ އަހަރުގެ އެ މުއްދަތުގައި ސަރުކާރުން ދައުލަތުގެ ކުންފުނިތަކަށް ދެއްވި 1.3 ބިލިއަން ރުފިޔާއަށްވުރެ 24 އިންސައްތަ އިތުރު މިންވަރެކެވެެ. 

ކިޔުންތެރިންގެ ހިޔާލު