ENGLISH
22 އޭޕްރީލު 2025
ފޭސްބުކް މާކެޓްޕްލޭސް ތަކަށް ސަމާލުވޭ: ސައިބަރ ކްރައިމް ސެންޓަރ
03 ފެބްރުއަރީ 2025
|
ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ފޭސްބުކް މާކެޓްޕްލޭސް ސްކޭމްތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން އެދިވަޑައިގެންފިއެވެ.
ސައިބަރ ކްރައިމް ސެންޓަރުން ދާދި ފަހުން ވަނީ އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް ތަޢާރަފްވެފައިވާކަން ހާމަކުރައްވާފައެވެ.
ޝައްކު އުފެދޭ ލިސްޓިންގ އަދި ޕޯސްޓް ތަކަށް ސަމާލުވުމަށް އެދިވަޑައިގެން ސައިބަރ ކްރައިމް ސެންޓަރުން ވަނީ ލިސްޓްކޮށްފައިވާ އެއްޗެއް އަގުހެޔޮ ކަމަށް ފެނުނަސް ނުވަތަ ރަނގަޅު ޑީލެއްގޮތަށް ހީވިޔަސް އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ވިއްކާ މީހާގެ ޕްރޮފައިލް ޗެކް ކުރުމަށާއި ސްކޭމް ކުރާ މީހުންގެ ފޭކް މާކެޓްޕްލޭސް ޕްރޮފައިލް ތަކުގައި ހާމަކޮށްފައި ހުންނަ މަޢުލޫމާތު މަދު ނަމަ ނުވަތަ ޕްރޮފައިލަކީ އައު ޕްރޮފައިލެއް ނަމަ ނުވަތަ ރައްޓެހިން މަދުނަމަ އިތުރަށް ޔަޤީން ކުރުމަށްވެސް ސައިބަރ ކްރައިމް ސެންޓަރުން އެދިވަޑައިގެންފައިވެއެވެ.
ހަމައެއާއެކު ރަނގަޅު އިތުބާރު ކުރެވޭ ވިއްކާ ފަރާތެއްނަމަ ކޭޝް އޮން ޑެލިވަރީ އިޚްތިޔާރު ކުރުމަށާއި މިގޮތަށް ކަންތައް ކުރުމުން މުދާ އަތަށް ލިބި އިތުރަށް ބަލަން ފުރުސަތު ލިބިގެންދާނެ ކަން ސައިބަރ ކްރައިމް ސެންޓަރުން ފާހަގަކުރެއްވިއެވެ. އަދި ދެ ފަރާތުގެ ރުހުމާއެކު ވިޔަފާރި ފުރިހަމަކުރުމަށްވެސް ސައިބަރ ކްރައިމް ސެންޓަރުން ނަސޭހަތްތެރިވެވަޑައިގެންފައިވެއެވެ.
އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތަޢާރަފްވެފައިވާއިރު ގިނަ ކުންފުނިތަކުން މި އޮތަންޓިކޭޝަން މެތަޑަށް ކަސްޓަމަރ އޮތަންޓިކޭޝަން މިހާރު ދަނީ ބަދަލު ކުރަމުން ކަމަށް ސައިބަރ ކްރައިމް ސެންޓަރުން މީގެ ކުރިން ހާމަކުރައްވާފައިވެއެވެ. ނަމަވެސް ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ ޢަދަދު މިހާރުދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ފްލޭޝް ކޯލްސްއަކީ ކޮބާ؟
ފްލޭޝް ކޯލްސްއަކީ ވަން-ޓައިމް-ޕާސްވޯޑު ނުވަތަ އޯޓީޕީގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ، އޮތަންޓިކޭޝަން މެތަޑެކެވެ. ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް އިޚުތިޔާރުކުރަން ފަށާފައިވަނީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) އަކީ އެސް.އެމް.އެސްގެ ޒަރިއްޔާއިން ލިބޭ ޓެކްސްޓް މެސެޖަކަށްވާތީ އާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުން އޯޓީޕީ އެސް.އެމް.އެސް އަށް ކަސްޓަމަރު އަތުން އަގެއް ނަގާތީއެވެ. އަދި މީގެ އިތުރުން އެސް.އެމް.އެސްގެ ޒަރިއްޔާއިން އޯޓީ.ޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތަށް އޯޓީޕީ ރައްދުވުމުގައިވެސް ލަސްތަކެއް އުޅޭތީއެވެ.
އޯޓީޕީއާ ޚިލާފަށް ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތަންޓިކޭޝަން ޓެކްނޮލޮޖީއެވެ. ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސްވެސް މެއެވެ. މިއީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑެވެ. މި ކޯޑު އިތުރު އެއްވެސް ފަރާތަކާއި ހިއްސާކޮށްފިނަމަ ހިއްސާ ކުރެވޭނީ ހަމަ އޯޓީޕީއާއި އެއްވަރުގެ ކޯޑެކެވެ.
ޓެކްނޮލޮޖީއަށް މިއައި ބަދަލާއިއެކު އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަން ފާށާފައިވާއިރު، ސްކޭމަރުން ސްކޭމްކުރަން ގެންގުޅޭ އުކުޅުވެސް ޒަމާނީ އާގޮތަކަށް މިވަނީ ބަދަލުކޮށްލާފައެވެ. އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓްތަކަށް ވަނުން މިހާރު އާންމުވެފައިވެއެވެ.
އެހެންކަމުން ފްލޭޝް ކޯލްސްއަކީ ކޮބައިކަމާއި، ފްލޭޝް ކޯލްސް މަސައްކަތް ކުރާގޮތް ދެނެގަންނާނެ ގޮތްތައް ދިރާސާކޮށް ހޭލުންތެރި ބަޔަކަށްވުމަކީ ކުރުން ނުހަނު މުހިންމު ކަމެކެވެ. އަދި އެއްވެސް އިތުރު ފަރާތަކަށް އަމިއްލަ ފޯނަށް ލިބޭ ކޯޑެއްވެސް، ގުޅާފައި އިން ނަންބަރެއްވެސް އަދި މިސްކޯލެއް ލިބިފައިއިން ނަންބަރެއްވެސް ހިއްސާ ނުކުރުމަށް ސައިބަރ ކްރައިމް ސެންޓަރުން އިލްތިމާސްކުރެއެވެ.