ENGLISH
22 އޭޕްރީލު 2025
ދަނޑުވެރިކަން ކުރިއަރުވަން ރާއްޖެއަށް ޚާއްސަ ހައްލުތަކެއް ބޭނުންވޭ: މެޑަމް ސާޖިދާ
03 ފެބްރުއަރީ 2025
|
ކްލައިމެޓް ރެސީލިއެންންޓް އެގްރިކަލްޗާރ ފޯ ފުޑް ސެކިއުރިޓީ އިން މޯލްޑިވްސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ:އެމްއެމް
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖެއަށް ޚާއްޞަ ހައްލުތަކެއް ހޯދުން މުހިއްމު ކަމަށް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ، "ކްލައިމެޓް ރެސީލިއެންންޓް އެގްރިކަލްޗާރ ފޯ ފުޑް ސެކިއުރިޓީ އިން މޯލްޑިވްސް" ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރާއްޖެއަކީ ކުދި ޖަޒީރާ ޤައުމަކަށްވާއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ރާއްޖެއަށް ދިމާވާ ގޮންޖެހުންތައް ތަފާތުކަން މެޑަމްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި ބިމުގެ ދަތިކަމާއި އެއް ރަށުން އަނެއް ރަށަށް ދަނޑުވެރިކަން ކޮށްގެން ހައްދާ ތަކެތި ގެންދިއުމުގައި ދަތިވުމާއި އަގުބޮޑުވުން ފަދަ މައްސަލަތައް ފާހަގަކުރެއްވި އެވެ.
މެޑަމް ވިދާޅުވީ ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ޚާއްސަ މާހައުލާއި މޫސުމަށް ރިއާޔަތްކޮށް، ޚާއްސަ ހައްލުތަކެއް ބޭނުންވެ އެވެ. މޫސުމީ ބަދަލުތަކުގެ އަސަރުތަކާއި ގުދުރަތީ ކާރިސާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކޮށް، ދެމެހެއްޓެނެވި ގޮތުގައި ދަނޑުވެރިކަން ކުރެވޭނެ ވަށާޖެހޭ ނިޒާމެއް ހޯދަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ހަމައެއާއެކު ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓުކޮށް، އެ ސިނާއަތުގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ ބޭނުންކުރަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ދަނޑުވެރިންގެ ތަޖުރިބާއާއި އިލްމު ވެސް މިކަމުގައި ހިމެނުން މުހިއްމު ކަމަށް ވިދާޅުވި އެވެ.