ENGLISH
22 އޭޕްރީލު 2025
ރާއްޖޭގައި ހެޕިނަސް އިންޑެކްސް ރަސްމީކޮށް އިފްތިޠާޙްކޮށްފި
02 ފެބްރުއަރީ 2025
|
ދިވެހިންގެ އުފާވެރިކަން މިންކުރުމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ޚިދުމަތްތަކާއި ބެހޭ މިނިސްޓްރީއިން އެކުލަވާލުމަށް ފަށާފައިވާ ހެޕިނަސް އިންޑެކްސް ނުވަތަ އުފާވެރިކަން މިންކުރުން، ޢިއްޒަތްތެރި ރަޢީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީކޮށް އިފްތިޠާހް ކޮށްދެއްވައިފި އެވެ.
މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ޙާއްޞަ ޙަފްލާގައި މެޑަމް ސާޖިދާ މުޙައްމަދު ވަނީ ހެޕިނަސް އިންޑެކްސްގެ ލޯގޯ އިފްތިޠާޙް ކޮށްދެއްވައިފައެވެ. އަދި، ހެޕިނަސް އިންޑެކްސްއަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯ ލަވަ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ޚިދުމަތްތަކާއި ބެހޭ މިނިސްޓްރު އާދަމް ޝަރީފް އުމަރު ވަނީ އިފްތިޠާޙްކޮށްދެއްވާފައެވެ.
ޙަފްލާގައި މިނިސްޓަރު ވަނީ ހެޕިނަސް އިންޑެކްސްގެ އޮފިޝަލް ޕާޓްނަރުންނަށް ޚާއްޞަ ލިޔުން ޙަވާލުކުރައްވާފައެވެ. ހެޕިނަސް އިންޑެކްސްގެ ރިސަރ ޕާޓްނަރަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އެވެ. ބްރޯޑްކާސްޓީން ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ހަމަޖެއްސިއިރު އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ. ޓްރެވަލް ޕާޓްނަރަކީ ޤައުމީ އެއާލައިން މޯލްޑިވިއަންއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގުއެވެ.
ޓެކްނިކަލް ޕާޓްނަރަކަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރަކަށް ހަމަޖެއްސީ ނައުޝަމް ވަޙީދު އެވެ. އިންޓަނޭޝަނަލް ޕާޓްނަރުންނަކީ ޔޫއެންއެފްޕީއޭ އަދި ޔުނިސެފްއެވެ.
ޙަފްލާގައި ވާހަކަދައްކަވަމުން، ހެޕިނަސް އިންޑެކްސްގެ ރިސަރޗް ޕާޓްނަރ އައިޔޫއެމްގެ ޑރ. އާމިނަތު ޝާފިޢާ ވިދާޅުވީ، ހެޕިނަސް އިންޑެކްސް މަސައްކަތުގެ ޕްރޮޕޯސަލް އެކުލަވާލައި މިހާރު މިނިސްޓްރީއާ ޙަވާލުކުރައްވާއިވާކަމަށެވެ. އަދި، އުއްމީދަކީ މިއަހަރު ނިމިގެންދާއިރު ހެޕިނަސް އިންޑެކްސް އެކުލަވާލުމަށްފަހު ދުނިޔޭގެ އަދި ރާއްޖޭގެ ފެންވަރުގެ ފަންނީ ބޭފުޅުންގެ ޚިޔާލު ހޯދައި، އެ މަސައްކަތް ނިންމައި މިނިސްޓްރީއާ ޙަވާލުކުރުންކަމަށެވެ.
ޙަފްލާގައި ވަނީ، އިސްރަށްވެހިންނާއި ދަރިވަރުން އަދި އަންހެނުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުންގެ ނަޒަރުގައި އުފާވެރިކަން މިންކުރާގޮތް ހުށަހަޅައިދީފައެވެ.
ދިވެހިންގެ އުފާވެރިކަން ހުރި ވަރު ވަޒަންކުރުމަށް ރާއްޖޭގެ "ހެޕިނަސް އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހު އެވެ. ހެޕިނަސް އިންޑެކްސް ރާއްޖޭގައި ކަނޑައެޅުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިދިޔަ އަހަރު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެވެސް ތަރައްޤީވަމުން އަންނައިރު، ދިވެހިން ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި އުއްމީދުކުރާ ކަންކަން ދެނެގަނެވޭނެ ގޮތެއް އޮތުމަކީ މުހިއްމު ކަމެއްކަމަށެވެ.