ENGLISH
07 ޖުލައި 2025
އުފާވެރި ޤައުމެއް ބިނާކުރުމުގައި ބަހާއި ސަގާފަތާއި ތަރިކަ މުހިންމު ދައުރެއް އަދާކުރޭ: މެޑަމް ސާޖިދާ
02 ފެބްރުއަރީ 2025
|
"ހެޕިނަސް އިންޑެކްސް" އިފްތިތާހުކުރުމުގެ ޙަފްލާގައި މެޑަމް ސާޖިދާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
އުފާވެރި ޤައުމެއް ބިނާކުރުމާއި އުފާވެރިކަން ޤައުމުގައި އަށަގެންނެވުމަށް ޓަކައި އެ ޤައުމެއްގެ ބަހާއި ސަގާފަތާއި ތަރިކަ މުހިންމު ދައުރެއް އަދާކުރާ ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި "ހެޕިނަސް އިންޑެކްސް" އިފްތިތާހުކުރުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ދުނިޔޭގެ ޤައުމުތަކުގައި އަދަބިއްޔާތަށް ޚާއްސަ އިސްކަމެއްދޭ އެއް ސަބަބަކީ މިއީ ކަމަށެވެ. އަދި ޒަމާނުއްސުރެ އެ ބައެއްގެ މާދަރީ ބަހުން އުފެދިފައި ހުންނަ ރީތި މޮޅު ޅެންތަކާއި ކިޔާފައި ހުންނަ ޖޯކުތަކާއި އުފަންވެފައި ހުންނަ ހިކުމަތްތެރި ބަސްތަކަކީ ޤައުމުގެ އުފާވެރިކަމަށް ހިއްސާކުރާ ކަންތައްތައް ކަމަށް ވެސް މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ފިކުރީ އުފާވެރިކަން އިންސާނަކަށް ލިބިގެންދަނީ ހަމައެކަނި މާދަރީ ބަހުން ކަމަށް ވެސް މެޑަމް ވިދާޅުވިއެވެ.
ރާއްޖޭގެ ޤައުމީ ޙަޔާތުގައި ފުރަތަމަ ފަހަރަށް ދިވެހި ޤައުމުގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމަށް ކުރެވުނު މި މަސައްކަތް އިފްތިތާހުކޮށްދެއްވާ މެޑަމްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ ކޮންމެ އިންސާނަކު ވެސް އުފާވެރިކަން އެންމެ ރަނގަޅަށް ލިބި އެކަން އިޙްސާސްވުމަށް ޓަކައި ހިތާމަވެރިކަން ވެސް ބޭނުންވާ ކަމަށެވެ. އަދި އުފާވެރި ކަމަކީ ތާއަބަދުމެ އިންސާނާއާ އެކުވާ އެއްޗެއް ކަމަށް ވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
"ކޮންމެ އިންސާނަކާއެކު ވެސް އުފާވެރިކަންދޭ، އިންސާނާއަށް ހިތާމަވެރިކަމެއް މެދުވެރިވިއަސް އަލުން އުފާވެރި ހާލަތަށް އާދޭ. އެއީ ގުދުރަތުން އެކަންލައްވާފައިވާ ގޮތް، ހޯދުންތަކުން ޔަގީންކުރެވިފައިވާ ގޮތުގައި އުފާވެރިކަން އެންމެ ރަނގަޅަށް ލިބުމަށްޓަކައި އެކަން އިހުސާސްވުމަށްޓަކައި ހިތާމަވެރިކަންވެސް ބޭނުންވޭ. އެއީ ހަނދުގެ އަލިކަން އެންމެ ފުރިހަމައަށް ލިބުމަށްޓަކައި އަނދިރިކަން ބޭނުންވާ ފަދައިން،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.
އެހެން މީހަކާ ނުވަތަ ވަކި ބަޔަކާ ތިމާގެ ޙާލަތާއި އަޅައި ބެލުމަކީ ކުރުން ރަނގަޅުކަމެއް ނޫންކަމަށް ވިދާޅުވެ މެޑަމް ފާހަގަކުރެއްވީ، ޔުނިވަސިޓީ އޮފް އަޔޯވާ އިން 2021 ވަނަ އަހަރު ކުރި ދިރާސާއަކުން މިކަން ވަނީ ސާބިތުވެފައި ކަމަށެވެ.
މެޑަމްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވާތީ، އިސްލާމްދީން އިރުޝާދުދޭ ފަދައިން އިންސާނާގެ ހިތަށް ހަޤީޤީ ހަމަޖެހުމާއި އުފާވެރިކަމެއް ލިއްބައިދޭނީ މާތްﷲ ހަނދުމަކުރުމުން ކަމަށެވެ. ހަމައެއާއެކު ދުނިޔަވީ ގޮތުން މުއްސަނދިވުމަށް މަސައްކަތްކުރާ އިރު ވެސް ރޫހާނީ ވެށި ހަރުދަނާކޮށް އީމާންތެރިކަން އިތުރުކުރަން މަސައްކަތްކުރަން ޖެހޭނެ ކަމަށް މެޑަމް ވިދާޅުވިއެވެ.
ހެޕިނަސް އިންޑެސް އާ ގުޅޭ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސްލަހަތާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މެޑަމް ސާޖިދާ މުހައްމަދު ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅަކީ ރާއްޖޭގެ އުފާވެރިކަމުގެ އިންޑެކްސް ކަނޑައެޅުމުގައި އެއްވެސް ފަރާތަކަށް ދެވޭނެ އެންމެ އަގުހުރި ތަޤުރީރުކަމަށެވެ.
"ދެންމެ ރައީސުލް ޖުމްހޫރިއްޔާގެ ލޮބުވެލި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިތާނގައި އެ ދެއްވި ތަޤުރީރަކީ އަޅުގަނޑު ޤަބޫލްކުރާ ގޮތުން ދިވެހި ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމުގައި މިހާތަނަށް ރާއްޖޭގެ އެއްވެސް ފަރާތަކުން ދެއްވާނެ އެންމެ އަގުހުރި އެންމެ އިލްމީ އަދި ވަރަށް ބޮޑަށް އޭގެ މައްޗަށް އަޅުގަނޑުމެން ރިއާއަތްކުރަން ޖެހޭނެ މުހިންމު ތަގުރީރެއްކަމަށް އަޅުގަނޑު ގަބޫލުކުރަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގައި އުފާވެރިކަމަށް ހުރަސް އެޅެން ދިމާވެފައިވާ ކަންތައްތަކަށް އަލިއަޅުއްވާ ލެއްވިއެވެ. އާދަމް ޝަރީފު އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ ޢާއިލާތައް ކުޑަތަންކޮޅެއްގައި ދިރިއުޅެން ދިމާވެފައިވުމުން ތަހައްމަލުކުރަން ޖެހޭ ހިތާމަތަކެވެ.
އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގައި އުފާވެރިކަމުގެ އިންޑެކްސްއެއް ކަނޑައަޅަންވާނީ ވަކިވަކި ރަށްރަށުގެ އުފާވެރިކަން ދެނެގަނެވޭނެ އޮނިގަނޑެއްގެ ތެރެއިން ކައުންސިލުތަކާއި ގުޅިގެން ކަމަށެވެ. އަދި އުފާވެރިކަމުގެ އިންޑެކްސް ކަނޑައަޅާއިރު، އެވޯޑު ދެވޭނެ ގޮތެއް ވެސް އޮތުމަކީ މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ހެޕިނަސް އިންޑެކްސް ކަނޑައަޅަން މަސައްކަތް ފަށާފައިވާ ކަމަށް ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ފުރަތަމަ ހާމަކުރެއްވީ މިދިޔަ އަހަރުގެ މޭ މަހުއެވެ.
ދިވެހިންގެ އުފާވެރިކަމުގެ އިންޑެކްސްއެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ކަނޑައެޅުމަށްޓަކައި ދިރާސާއެއް ހެދުމުގެ މަސައްކަތް އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން މިނިސްޓްރީން ކުރިއަށް ގެންދެވިއެވެ.