ENGLISH

22 އޭޕްރީލު 2025

Advertisement

ނޭޝަނަލް ސާވިސް ޕްރޮގްރާމް ފަށަން ތައްޔާރުވަނީ

02 ފެބްރުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ނަތީޖާ ދަށް ދަރިވަރުންނަށް ނޭޝަނަލް ސާވިސް ޕްރޮގްރާމް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެކުލަވަލާ ކޮމެޓީއަށް މެންބަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.

އެގޮތުން މި ކޮމެޓީއަށް ޑެޕިއުޓީ ޑިރެކްޓަރެއްގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރެއް ބޭނުންވާ ކަމަށް ގެޒެޓުގައި ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ކިޔެވުމުގައި އިތުރަށް ކުރިއަށް ނުދާ ދަރިވަރުން ސިފައިންގެ އާއި ޕޮލިހަށް ވެއްދުމުގެ ޕްރޮގްރާމެއް ފަށާނެ ކަން އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ޚިދުމަތަށް މި ދައުރުގައި 1،000 މީހުން ނެރެން ބޭނުންވެ އެވެ.

އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

މި މަގާމުތަކުގެ ޝަރުތުތަކުގެ ތެރޭގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ،ލެވެލް 6 ، ލެވެލް 7 ، ލެވެލް 8 ، ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު، 6 އަހަރު ، ނުވަތަ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

އިޢުލާނުގައިވާ ގޮތުން ޑެޕިއުޓީ ޑިރެކްޓަރަށް މުސާރައިގެ ގޮތުގައި ލިބޭނީ 15،918ރ. އެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރުގެ މުސާރައަކީ 14،700ރ. އެވެ.

މި މަގާމުތަކަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު އީމެއިލް މެދުވެރިކޮށް ނުވަތަ އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ފޯމު ހުށަހެޅުއްވުމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު