ENGLISH
22 އޭޕްރީލު 2025
ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގުތުމަށް މިނިސްޓަރ ނާޒިމު ޖެނީވާއަށް
02 ފެބްރުއަރީ 2025
|
ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް، ފޮޓޯ: އެމްއެމްޓީވީ
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެގްޒެކެޓިވް ބޯޑުގައި ދެކުނު އިރުމަތީ އޭޝިޔާ ތަމްސީލުކުރައްވާ ބޯޑު މެންބަރެއްގެ ޙައިސިއްޔަތުން އެބޯޑުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމު ޖެނީވާއަށް ފުރާވަޑައިގެންފިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ކޮމިޓީއަކީ 34 ޤައުމެއްގެ ޞިއްޙީ ދާއިރާގެ އެންމެ އިސްވެރިން ހިމެނިވަޑައިގަންނަވާ، ޞިއްޙަތާ ގުޅުންހުރި ކަންކަމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި މުހިއްމު ބޮޑެތި ނިންމުންތައް ނިންމާ، އެ ޖަމްޢިއްޔާގެ ހިންގުމާ ގުޅޭ ސިޔާސަތުތައް އެކަށައަޅާ ބޯޑެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ސްވިޒްލޭންޑުގެ ޖެނީވާގައި ކުރިއަށްދާ މި ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގައި އެކި ސަރަޙައްދުތައް ތަމްސީލުކުރާ ޤައުމުތަކާއި އެނޫންވެސް ބައެއް ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގައި ދެކުނު އިރުމަތީ އޭޝިޔާ ތަމްސީލުކުރަނީ ދިވެހިރާއްޖެއިންނެވެ. އެއީ ތިން އަހަރު ދުވަހުގެ މުހުލަތެއްގެ ދައުރަކަށް ރާއްޖެއަށް ލިބިފައިވާ ފުރުޞަތެކެވެ.
އަދި މިފަހަރު ޖެނީވާގައި ކުރިއަށްދާ ބައްދަލުވުމުގައި ވައިސް ޗެއާގެ ހައިސިއްޔަތުން ބައްދަލުވުން ވިލަރެސްކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބޭނެކަން މިނިސްޓަރ ނާޒިމު ފާހަގަކުރައްވާފައިވެއެވެ.
މަޝްވަރާކޮށް ނިންމަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި، ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވަރސަލް ހެލްތު ކަވަރޭޖް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކަނޑައަޅާފައިވާ މުހިންމު ކަންކަން ހިމެނެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް އެކަމާގުޅޭ ކަންތައްތައް ހުށަހެޅޭނެއެވެ.
މިފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތައްބޭއްވުމަށް ވަނީ ރޭވިފައެވެ. މިބައްދަލުވުންތަކުގައި ޞިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެއެވެ.