ENGLISH
22 އޭޕްރީލު 2025
ވަޒީރު ޑރ.މާރިޔާއާއި ވުޒާރާގެ ޓީމް ކްރޮސް ރޯޑްސްގެ ދަނޑުތައް ބައްލަވާލައްވައިފި
02 ފެބްރުއަރީ 2025
|
މިނިސްޓަރ މާރިއާ ކްރޮސްރޯޑްގެ ދަނޑުތައް ބައްލަވާލައްވަނީ / ފޮޓޯ: ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި ވުޒާރާގެ ޓީމެއް "ދަ ކްރޮސްރޯޑްސް މޯލްޑިވްސް" އަށް ޒިޔާރަތްކުރައްވައި އެތަނުގެ ދަނޑުތައް ބައްލަވާލައްވައިފިއެވެ.
މި ދަތުރުފުޅަކީ ރިސޯޓުތަކާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތައް ދެނެގަތުމަށް ކުރެއްވި މުހިމްމު ދަތުރުފުޅެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މި ޒިޔާރާތުގައި ވަޒީރު މާރިޔާ ވަނީ އެތަނުގެ ބަދިގެއަށް ބެނުންވާ ކާނާ ދަނޑުތަކުގައި އުފައްދާ ގޮތްތައް ބައްލަވާލައްވައި މައުލޫމާތު އޮޅުންފިލުއްވާފައެވެ.
އަދި ގަސްގަހާގެހި އިންދާ ބެލެހެއްޓުމަށް ކުރާ މަސައްކަތްތަކާއި، ތަރުކާރީ އުފެއްދުމަށް ބޭނުންކުރާ ތަފާތު އުކުޅުތައް ބައްލަވައިލެއްވިއެވެ.
ވުޒާރާއިން ވިދާޅުވީ ރިސޯޓުން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ގެންގުޅޭ އުސޫލުތަކާއި، ކާނާ އުފެއްދުމުގައި ގެންގުޅޭ އައު ގޮތްތަކުގެ ތަރުތީބުކަމާއި ފުރިހަމަކަން މި ޒިޔާރާތުން އެނގިގެންދިޔަ ކަމަށެވެ. އަދި ދަނޑުތަކުގެ މަސައްކަތުން ފާހަގަކުރެވުނީ ރާއްޖޭގެ ދަނޑުވެރިކަމަށް އެހީތެރިވުމުގައި ރިސޯޓުތަކުން މުހިންމު ދައުރެއް އަދާކުރެވޭނެކަން ކަމަށެވެ.
އެގޮތުން ރާާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ރިސޯޓުތަކަށް ރާއްޖޭގައި އުފައްދާ ތަކެތި ގަންނަ މިންވަރު އިތުރުކޮށްގެންނާއި، ހައިޑްރޯޕޯނިކްސް ނުވަތަ އެހެނިހެން އީޖާދީ ގޮތްތަކަށް ގަސްއިންދައިގެންނާއި، ދަނޑުވެރިކަމަށް އިންވެސްޓްކުރުމުގެ އިތުރަށް ރާއްޖޭގެ ދަނޑުވެރިންނާ ހުނަރު ޙިއްސާކުރުން ފަދަ ކަންކަން ކުރެވިދާނެކަމުގައި މިނިސްޓްރީން ވިދާޅުވިއެވެ.
މިފަދައިން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގައި އުފައްދާ ކާނާ އިތުރުވެ، ދެމެހެއްޓެނިވި ގޮތްތައް ކުރިއަރައި، ބޭރުން އެތެރެކުރާ ތަކެއްޗަށް ބަރޯސާވާ މިންވަރު މަދުވެގެންދިއުމެވެ. އަދި މި އެއްބާރުލުމުގެ ސަބަބުން ފަތުރުވެރިކަމުގެ ޞިނާޢަތަށާއި މުޅި މުޖުތަމަޢަށް ފައިދާކޮށް، ދެމެހެއްޓެނިވި ކާނާގެ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.