ENGLISH
22 އޭޕްރީލު 2025
ގްރޭޓާ މާލޭ ސަރަހައްދުގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބައޮމެޓްރިކް ޑާޓާ އަދާހަމަކުރަން އަންގަވައިފި
02 ފެބްރުއަރީ 2025
|
އޮޕަރޭޝަން ކުރަނގިގެ ތެރެއިން ބިދޭސީންގެ ބައޯމެޓްރިކްސް ނަގަނީ، ފޮޓޯ:މިހާރު
ގްރޭޓާ މާލޭ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯމެޓްރިކް ޑާޓާ އަދާހަމަކުރުމުގެ މަސައްކަތް ކުރުމަށް އެ މީހުންނަށް ވަޒީފާ ދިން ފަރާތްތަކުގެ ކިބައިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އެދިވަޑައިގެންފިއެވެ.
އެ ވުޒާރާއިން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވެފައިވަނީ މާލެއާއި ހުޅުމާލޭގެ ދެ ފިޔަވައްސާއި ތިލަފުއްޓާއި ގުޅިފަޅު ހިމެނޭހެން ގްރޭޓާ މާލޭ ސަރަޙައްދުގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކް ޑާޓާ އަދާހަމަކުރުމުގެ މަސައްކަތް، އެ މިނިސްޓްރީއާ ގުޅިގެން 15 މާޗު 2025 ވަނަ ދުވަހުގެ ކުރިން ނިންމުމަށް، ބިދޭސީ މަސައްކަތްތެރިންނަށް ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ އެއްކޮށް އަދާހަމަކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އިސްނެންގެވުމަށް އޮޕަރޭޝަން ކުރަނގިގެ ނަމުގައި ޤައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެއް އަންނަނީ ހިންގަވަމުންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެތައްހާސް ބިދޭސީންނެއްގެ ބައޯމެޓްރިކް ޑޭޓާ މިހާރުވެސްވަނީ އެއްކުރެވިފައެވެ.
މާލޭ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބައޯމެޓްރިކް ޑޭޓާ އަދާހަމަކުރުމަށް މިނިސްޓްރީން ދެއްވި މުހުލަތުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަނުކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅުއްވާނެ ކަމުގައި އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
އެގޮތުން ވުޒާރާއިން ވިދާޅުވެފައިވަނީ މުހުލަތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކް ޑޭޓާ އަދާހަމަނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑުކުރައްވައި އެ ފަރާތްތަކަށް އެ ނިޒާމުގެ ތެރެއިން ފޯރުކޮށްދެމުން އައި ޚިދުމަތްތައް ދިނުން ވަގުތީ ގޮތުން މެދުކަނޑައިލައްވާނެ ކަމަށެވެ.
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް ނެގުމަށް ހިންގަމުންދާ އޮޕަރޭޝަން ކުރަނގި އަދި މާލޭ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމުގެ މަސައްކަތްތައް ވިލަރެސްކޮށް ކޯޑިނޭޓުކުރާނީ އެންސީއައިޓީގައި ހުންނަ އެ އޮޕަރޭޝަނަށް ޚާއްޞަކޮށް އުފައްދަވާފައިވާ ޖޮއިންޓް-އޮޕަރޭޝަން ސެންޓަރުންނެވެ.
ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި އެ ސެންޓަރުގެ ޚިދުމަތްތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 22:00 އާ ދެމެދުގައި ފޯރުކޮށްދޭނެއެވެ.