ENGLISH
22 އޭޕްރީލު 2025
ދުނިޔޭގެ ރެކޯޑު ޤާއިމްކުރުމަށް ޑައިވް ހަރަކާތެއް ބާއްވަނީ
02 ފެބްރުއަރީ 2025
|
ވަޒީރު ޝިޔާމް "ސިންގަލް އޯޕަން ވޯޓަރ ޑައިވް" ހަރަކާތް އިފްތިތާހުކޮށްދެއްވާ ވާހަކަދައްކަވަނީ / ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
ދުނިޔޭގެ ރެކޯޑް ޤާއިމްކުރުމަށް ޚާއްސަ ޑައިވް ހަރަކާތެއް ކުރިއަށް ގެންދިއުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ޙަރަކާތް އިފްތިތާޙުކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމުކޮށްގެން ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ "އެކްރޮސް މޯލްޑިވްސް ޑައިވް" ހަރަކާތް ނުވަތަ "ސިންގަލް އޯޕަން ވޯޓަރ ޑައިވް" ހަރަކާތުގެ ފުރަތަމަ ފިޔަވަހި އިފްތިތާހުކޮށްފައިވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވައްސާ ދިމާލުން ބީޗުގައެވެ.
އިއްޔެ ބޭއްވި މި ހަރަކާގައި ވަޒީރު ޝިޔާމް ވިދާޅުވީ، އާ އީޖާދީ ވަސީލަތްތަކާއެކު ކަނޑުގެ ބޭނުން ހިފާތަން ފެންނަމުން އަންނަ ކަމަށާއި އެއީ ސަރުކާރުން އުފާކުރާ ކަމެއް ކަމަށެވެ. އަދި އެ ފަދަ ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. މި ހަރަކާތް ނިމިގެންދާއިރު ފަތުރުވެރިކަމުގެ ގޮތުން ރާއްޖެ ތަޢާރަފްނުވާ އެތައް ބަޔަކަށް ރާއްޖެ ތަޢާރަފްވެ، މާކެޓްވެގެންދާނެ ކަމަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ކޮންމެ ދޯންޏަކުން މަދުވެގެން އެއް ފަޅުވެރިޔަކު "ރެސްކިއު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ހެދުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މި އަހަރު 80 ފަޅުވެރިޔަކު ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރެވިގެންދާނެއެވެ. އަދި ޑައިވްކުރުމުގެ ތެރޭގައާއި އެ ނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ހާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވޭނެއެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ، ފުރަތަމަ ފިޔަވަހި ކުރިއަށްދާނީ މާލޭ ސަރަހައްދުގައި އަންނަ ބުދަ ދުވަހުއެވެ. އެގޮތުން މާލެއިން ހުޅުމާލެއަށް 70 ކިލޯ މީޓަރަށް މި ފިޔަވަހީގައި ޑައިވްކުރާނެއެވެ. އަދި ދެ ވަނަ ފިޔަވަހި އަންނަ އަހަރު ކުރިއަށްދާއިރު، މުޅި ރާއްޖެ ކަވަރުވާ ގޮތަށް ހއ. ތުރާކުރުން ފެށިގެން އައްޑޫ ސިޓީ އަށް ޖުމްލަ 4،600 ކިލޯ މީޓަރު ޑައިވްކުރާނެއެވެ. މިއީ ދުނިޔޭގެ އެންމެ ދިގު ޑައިވަށްވާނެއެވެ.