ENGLISH
22 އޭޕްރީލު 2025
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ދިވެހީންގެ ކުރިއެރުން ރަމްޒުކޮށްދޭނެ އެންމެ ބޮޑު ހަރަކާތް: ވަޒީރު ސަޢީދު
02 ފެބްރުއަރީ 2025
|
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އިފްތިތާޙް ކުރުމަށް ބޭއްވި ހަފުލާގައި ވަޒީރު ސަޢީދު ވާހަކަ ދައްކަވަނީ. --ފޮޓޯ: އެމްއެމް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 ވެގެންދާނީ ދިވެހި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އިރު، ދިވެހީންގެ ކުރިއެރުން ރަމްޒުކޮށްދޭ އެންމެ ބޮޑު ހަރަކާތަށް ކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މުޙައްމަދު ސަޢީދު މިހެން ވިދާޅުވީ، ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އިފްތިތާޙް ކުރުމަށް، މީރުމާ ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒް 2025 އިފްތިތާޙުކޮށްދެއްވުމަށްފަހު ވަޒީރު ވިދާޅުވީ، މިއީ ޒަމާނީ ވަސީލަތްތަކާއި ބައިތައް ހިމެނޭހެން އެކްސްޕޯއެއްގެ ސިފައިގައި ރާއްޖޭގައި ބޭއްވޭ ފުރަތަމަ މައުރަޒު ކަމަށެވެ. އަދި މި ދިވެހި އުފެއްދުންތެރިންނަށް އާ ބާޒާރުތަކަށް ފުރުސަތު ހޯދައިދީ، އާ ޚިޔާލުތައް ތަރައްޤީ ކުރުމުގެ ފުރުޞަތު ފަހި ކުރުމުގެ ގޮތުން، މި މަޢުރަޒުގައި ބައިނަލްއަޤުވާމީ ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުރުން ކުރިއަރާފައިވާ ޤައުމުތަކުގެ އީޖާދީ މަސައްކަތްތައް ދައްކާލެވިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ކުރިއަށްގެންދާ މި މަޢުރަޒުގައި ރާއްޖޭގެ ހުރިހާ ރަށެއް ނުވަތަ ސިޓީއެއް ތަމްސީލު ވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އެދިލެއްވުމެއްކަން ވަޒީރު ސަޢީދު ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން މި ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މި މަޢުރަޒުގައި ޖުމްލަ 7 ދާއިރާއަކުން 15 ގިންތިއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި 15 ގިންތީގެ ތެރޭގައި ހިމެނޭހެން 81 ސަބް ގިންތިއަކަށް ވެސް އުފެއްދުންތައް ހުށަހެޅޭނެކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
މަޢުރަޒުގައި ހިމެނޭ ދާއިރާތައް
ގިންތިތަކުގެ ތެރޭގައި ހިމެނެނީ.
މުޅި ރާއްޖެއަށް ހުޅުވާލެވިގެން ވާދަވެރި ގޮތެއްގައި ބޭއްވޭ މި މައުރަޒުގެ ތެރެއިން ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ދާނެކަން ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން (ބީސީސީ) އިން ވަނީ ވިދާޅުވެފައެވެ. އަދި މި މައުރަޒު ވެގެންދާނީ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ކުދި ވިޔަފާރިތަކާއި އެހެން ވިޔަފާރިތަކާއި ގުޅުވާލަދޭ އަދި ފަންނުވެރިންނާއި ވިޔަފާރިތަކާއިވެސް ގުޅުވާލަދޭނެ ބޮޑު މައުރަޒަކަށް ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މި މައުރަޒުގެ ތީމް ސޯންގު ނުވަތަ މައުރަޒަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ލަވަ ވެސް ވަނީ ތަޢާރަފް ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ކުރިއަށްގެންދާ މި މަޢުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ބީސީސީ އާއެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މައުރަޒްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، www.expo.mv މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަންނަ މާޗް މަހުގެ 31 އާ ހަމައަށް ފުރުޞަތު ހުޅުވާލާފައިވާކަން ބީސީސީން ވަނީ ހާމަކޮށްފައެވެ.