ENGLISH
22 އޭޕްރީލު 2025
ފާއިތުވި އަހަރު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤުވާމީ ފުލައިޓުތައް %6 އިތުރުވެއްޖެ
02 ފެބްރުއަރީ 2025
|
ފާއިތުވި އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ބައިނަލްއަޤުވާމީ މަތިންދާބޯޓުގެ ޢަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 6 އިންސައްތަ އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިޤުތިޞާދީ ހިސާބުތަކުން ދައްކަައިފިއެވެ.
މަހަކު އެއްފަހަރު އެމްއެމްއޭއިން ޢާންމުކުރާ އިޤުތިޞާދީ ހިސާބުތަކަށް ބަލާއިރު، ނިމުނު އަހަރު ވެލާނާ އިންޓަަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ބައިނަލްއަޤުވާމީ ފުލައިޓުތަކުގެ ޖުމްލަ ޢަދަދަކީ 16،830 ފުލައިޓެވެ.
2023 ވަނަ އަހަރު އެ އެއާޕޯޓަށް ޖެއްސި ބައިނަލްއަޤުވާމީ ފުލައިޓުތަކުގެ ޢަދަދަކީ 15،883 ފުލައިޓެވެ.
އޭގެ ކުރީ އަހަރާ އަޅާބަލާއިރު ނިމުނު އަހަރު ވީއައިއޭއަށް އައި ޝެޑިއުލް ފްލައިޓުތަކާއި، ޖެނެރަލް ފުލައިޓުތައްވެސް އިތުރުވެފައިވެއެވެ. ޖެނެރަލް ފުލައިޓުތަކުގެ ތެރޭގައި ޗާޓަރުކޮށްގެން އައި ފުލައިޓުތަކުގެ އިތުރަށް ޕްރައިވެޓް ޖެޓުވެސް ހިމެނޭނެއެވެ.
2023 ވަނަ އަހަރު ވީއައިއޭއަށް ޖައްސާފައިވާ ޝެޑިއުލް ފުލައިޓުތަކުގެ ޢަދަދަކީ 14،608 ފުލައިޓެވެ. 2024 ގައި އެ ޢަދަަދުވަނީ 15،432 އަށް އިތުރުވެފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު %5.6 ގެ އިތުރުވުމެކެވެ.
ނިމުނު އަހަރު 1،398 ޖެނެރަލް ފުލައިޓު ވެލާނާ ބައިނަލްއަޤުވާމީ އެއާޕޯޓަށް އައިސްފައިވާއިރު އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.6 އިންސައްތަައިގެ އިތުރުވުމެކެވެ.
ރާއްޖެއަށް އައި ބައިނަލްއަޤުވާމީ ފުލައިޓުތަކުގެ ޢަދަދު އިތުރުވިއިރު، ނިމުނު އަހަރަކީ ރާއްޖެއަށް ދަތުރުކުރާ ބޭރުގެ އެއާލައިންތަކުގެ ޢަދަދުވެސް އިތުރުވި އަހަރެކެވެ.
ފާއިތުވި އަހަރު ރާއްޖެއަށް 2.04 މިލިއަން ފަތުރުވެރިން އައިސްފަައިވެއެވެ. އަދި ނިމުނު އަހަރު ރާއްޖެއަށް އައި ފަތުރުވެރިން އެވެރެޖުކޮށް ރާއްޖޭގައި ހޭދަކޮށްފައިވަނީ 7.7 ދުވަހެވެ. އަދި ފަތުރުވެރިކަމުގެ ބެޑްނައިޓްސްވެސް ނިމުނު އަހަރުވަނީ އިތުރުވެފައެވެ.
ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒަކީ 2.5 މިލިއަނާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އެކަމަށް ޓޫރިޒަމް މިނިސްޓްރީއާއި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކުންފުނިންވަނީ ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައެވެ.