ENGLISH
26 ނޮވެމްބަރު 2024
20 އަހަރުގެ ތަރައްގީގެ ޕްލޭން: ކަނޑައަޅަން މިއުޅެނީ ޖީލެއްގެ ތަސައްވުރު: ރައީސް
06 ނޮވެމްބަރު 2024
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ 2040ގައެވެ. ވިހި އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން ރާވައި ފުރިހަމައަށް ތަންފީޒު ކުރެވިއްޖެ ނަމަ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ގިންތި ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.
ރައީސް ވިދާޅުވި ގޮތުގައި 2040 ވަނަ އަހަރު އަންނައިރު، ރާއްޖެއަކީ "ޑިވެލޮޮޕްޑް ނޭޝަންގެ ސްޓޭޓަސް" ލިބިފައިވާ ގައުމަކަށް ހެދުމުގެ ތަސައްވުރު ހާސިލު ކުރެވޭނީ ގިނަ ކަންތައްތަކެއް ހާސިލު ކުރެވިގެން ކަމުގަ އެވެ. އެ ޕްލޭން ރާވައި ފުރިހަމައަށް ތަންފީޒު ކުރެވިއްޖެނަމަ، ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ގިންތިކުރެވިގެންދާނެއެވެ. އެކަން ކުރެވޭނީ އެކުވެރިކަމާ އެކީގައި ގައުމީ ވިސްނުމެއްގައި އެންމެން މަސައްކަތްކޮށްގެންނެވެ.
"ގައުމީ ތަރައްގީގެ ވާހަކަ މި ދައްކަނީ. 20 އަހަރު ދުވަހަކީ ޖީލެއް. އެހެންވީމާ ޖީލެއްގެ ތަސައްވުރު އަޅުގަނޑުމެން މިއުޅެނީ ކަނޑައަޅަން،" - ރައީސް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން" މަޝްވަރާ އިފުތިތާހު ކުުރުމަށް މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ ތަރައްގީގެ ޕްލޭންގެ މަސައްކަތަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ސިޔާސީ އޮއިވަރެއްގައި ޖެހިގެން އެއިރެއްގައި އޮންނަ ސަރުކާރެއްގެ ވިސްނުމާ އެއްގޮތަށް އަބަދު ބަދަލުތަކެއް އަންނަ ގޮތަށް ގައުމުގެ ތަރައްގީގެ ކަންކަން ގެންދާ ނަމަ ރައްޔިތުންނަށް އެންމެ ހެޔޮ ގޮތް ނުލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކަންތައްތައް ހިނގަމުންދަނީ އެގޮތަށް ކަމަށެވެ.
އޭގެ ބަދަލުގައި ރައްޔިތުން ކަނޑައަޅާފައި އޮންނަ މަގަކުން، ދާން ބޭނުންވާ މިސްރާބަށް ދެވޭ ގޮތަށް ކަންކަން ބައްޓަން ކުރެވިއްޖެނަމަ އެކަމުން ރައްޔިތުންނަށް މާ ފައިދާ ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައްޔިތުންގެ މަޝްވަރާއާއެކު ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ނިންމެވީ އެހެންވެ ކަމަށެވެ. ގައުމީ ތަރައްގީއަށް ހާއްސަ އިސްކަމެއްދީގެން ކަމާއި ބެހޭ ހާއްސަ ގާނޫނެއް ތައާރަފު ކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެކަމާ ބެހޭ މަސައްކަތް މިއަދު ފަށާ މަޝްވަރާ ބައްދަލުވުންތަކާ އެކު ކުރިއަށްދާނެ ކަމަށެވެ.
"މި މަސައްކަތަކީ ގާނޫނު އަސާސީގައި ވެސް ރިކޮގްނައިސް ކުރާ ކަމަކަށް ހެދުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަން ނިންމާފައި މިއޮތީ،" - ރައީސް ވިދާޅުވި އެވެ.
ބޭނުމަކީ އެންމެން އެކުވެގެން ނިންމާ ގޮތަށް ގައުމުގެ ކަންކަން ކުރިއަށްދާނެކަން ޔަގީންކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުން ހުރިހާ ރައްޔިތުން ޝާމިލުވެގެން 20 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ސިޔާސީ ގޮތުން ބަދަލުތައް ގެނެވޭނެ އިންތައް ބަޔާންކޮށް، ކަނޑައެޅިފައިވާ ގޮތަށް ކަންކަން ބައްޓަން ކުރެވިގެންދާނެކަން ކަށަވަރުކުރުން ކަމަށާއި ގައުމު ތަރައްގީ ވެގެންދާއިރު، ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވާން އެދިވައިގަންނަވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން ހުރިހާ ދާއިރާތަކަކުން ރައްޔިތުން ބޭނުންވާ ފެންވަރަށް ކަންކަން ގެންދިއުމަށް ބޭނުންފުޅުވާ ކަމަށެވެ.
މިއަދު ފެށި މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދާއިރު، ރައްޔިތުން ބޭނުންވާ ކަންތައް ޕްލޭނުގައި ހިމަނަން ޖެހޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. ހުރިހާ ދާއިރާތަކަކުން ކަމާ ބެހޭ ބޭފުޅުންނާއި މަދަނީ ޖަމިއްޔާތަކުންނާއި ސިޔާސީ ޕާޓީންތަކުން ވެސް ބައިވެރިވާން ރައީސް އެދިވަޑައިގެންނެވި އެވެ. ސިޔާސީ ވިސްނުން ދޫކޮށްލައި މިކަމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކެން ޖެހޭ ކަމުގަ ވިދާޅުވި އެވެ.
ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ޔޫއެންޑީޕީންނާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ލިބޭ ކަމަށާއި އަދި ބޭރުގެ ތަޖުރިބާކާރުން ބައިވެރިކުރަން ހަަމަޖެހިފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ ދިވެހިންގެ ތަރައްގީގެ މާސްޓަ ޕްލޭން ކަަމަށް ވާތީ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ދިވެހިން ކަމުގަ އެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ ޕްލޭން ހަދާއިރު ދުނިޔެއަށް އަންނަމުންދާ ތަރައްގީ ބަލައިގަންނަން ޖެހޭ ކަމަށެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ މިހާރު ހަގީގަތަށްވާއިރު، ޕްލޭން ވާން ޖެހޭނީ "އޭއައި އެންހޭސްޑް" ޕްލޭނަކަށް ކަމަށެވެ. އެ އާއެކު އެކަން ރަނގަޅަށް ބެލެހެއްޓެން ޖެހޭނެ ކަމަށެވެ. ތަރައްގީވެފައި އޮންނަ ގައުމަކަށް ހަދަން ބަލާއިރު އޭއައި މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށެވެ.