ENGLISH

22 އޭޕްރީލު 2025

Advertisement

އުޅަނދުތަކުގައި ބުރަފަތި ގާޑް އެޅުވުން މަޖުބޫރު، ގައިޑުކަން ކުރެވޭނީ ސެޓްފިކެޓް ލިބިގެން!

02 ފެބްރުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

"ސަންޕާ" ސަރަހައްދުގަ ފަތުވެރިން ފެހުރިހި ބެލުމުގަ ހަރަކާތްތެރި ވަނީ. ފޮޓޯ: ރިޗާރޑް ބްރައުންހިލް

"ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ސަރަހައްދަށް ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ދާ ނަމަ އެ އުޅަނދެއްގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން މަޖުބޫރުކޮށް އަދި މި ސަރަހައްދަށް ފަތުރުވެރިން ގެންދެވޭނީ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ގައިޑުންނަށްކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވަނީ 'ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭން' އެއް އެކުލަވާލާފައެވެ.

ބުރަފަތި ގާޑް އެޅުވުމަކީ ފެހުރިހި އަދި ފަތުރުވެރިންްގެ ރައްކާތެރިކަމަށް މުހިންމު ކަމެއް. ފޮޓޯ: އެޑްވެންޗަރ މެރައިން

މީގެ ހަ އަހަރު ކުރިން 2009 ގައި ހިމާޔަތްކުރި ސަމްޕާއަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. މި ސަރަހައްދުގެ ފަރުތަކާއި އޮއިވަރު ހުންނަގޮތުން މި ސަރަހައްދަށް ގިނައިން ޕްލޭންކްޓަން ޖަމާވެއެވެ. މީގެ ސަބަބުން މި ސަރަހައްދަށް ދުނިޔޭއިން ނެތިދިއުމުގެ ބިރުހީވެފައިވާ ފެހުރިހި އޭގެ ކާނާހޯދުމަށާއި އޭގެ ހަށިގަނޑުގެ ފިނިހޫނުމިން ރެގިއުލޭޓްކުރުމަށް ތިލަވެއެވެ.

ވަކި މޫސުމެއްނެތި ފެހުރިހި މި ސަރަހައްދަށް އެއްވެ އުޅުމުގެ ސަބަބުން ފެހުރިހި ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދަކަށް މީހުން މި މިސަރަހައްދަށް އާދެއެވެ. 

މި ސަރަހައްދަށް ސްނޯކަލް ކުރުމާއި ޑައިވްކުރުމުގެ ތެރޭގައި ފަހުގެ ތާރީޚެއްގައި ހިތާމަވެރި ގިނަ ހާދިސާތަކެއްވަނީ ހިނގައިފައެވެ. ދާދިފަހުން ވެސް ވަނީ ޓޫރިސްޓެއްގެ ގައިމަތިން ލޯންޗެއް ދިއުމުގެ ސަބަބުން އެ މީހާ މަރުވެފަ އެވެ. މީގެ އިތުރުން މި ސަރަހައްދުގެ ގާތްގަނޑަކަށް 70 އިންސައްތަ ފެހުރިހީގައި އުޅަނދުފަހަރުގެ ބުރަފަތިން ޖެހި އަނިޔާ ލިބިފައިވާކަމަށްވެސްެ ތަފާސްހިސާބުތަކުން ދައްކައެވެ.

ބުރަފަތިން ޖެހުމުގެ ސަބަބުން ލިބިފަވާ އަނިޔާ "ސަންޕާ" ސަރަހައްދުން ފެންނަ 70 ޕަސެންޓް ފެހުރިހީގެ ހަށިގްނޑުން ފެނޭ. ފޮޓޯ: މޯލްޑިވްސް ވޭލް ޝާކް ރީސަރޗް ޕްރޮގްރާމް

މިނިސްޓްރީން މިއަދު އާންމުކުރި ޕްލޭންގައި ވަނީ، ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ސަންޕާ އަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ކުރިއަށް އޮތް ތިން މަސް ތެރޭގައި ޕްރޮޕެލާ ގާޑު އެޅުވުން ލާޒިމްކޮށްފަ އެވެ. އަދި އެ ޕްލޭނަށް އަމަލުކުރަން ފަށާތާ 12 މަސް ތެރޭގައި އެހެނިހެން އުޅަނދުތަކުން ވެސް ގާޑު ހަރުކުރުން ވަނީ މަޖުބޫރު ކޮށްފަ އެވެ.

ފެހުރިހި ބެލުމަށް މޫދަށް ފައިބާ ފަރުތުވެރިން އެ ސަރަހައްދަށް ގެންދާ ފަރާތްތައް ނުވަތަ 'ސަންޕާ ގައިޑުން' އާއި އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންވެސް އަމަލު ކުރަންޖެހޭ އުސޫލުތައް މި ޕްލޭންގައި ކަނޑައަޅާފައިވެއެވެ. މިގޮތުން ސަންޕާ ގައިޑަކަށްވެވޭނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ދޫކުރާ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއިބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިގޮތުން މެނޭޖްމަންޓް ޕްލޭން ގެޒެޓް ކުރާތާ ތިން މަސްދުވަހުގެ ފަހުން މި ސަރަހައްދަށް ފަތުރުވެރިން ގެންދެވޭނީ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ސަންޕާ ގައިޑުންނަށްކަމަށް ވަނީ ބުނެފައިވެއެވެ.

އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް މިސަރަހައްދައް ފެހުރިހި ބެލުމަށްޓަކާ ފަތުރުވެރިން ޒިޔާރަތް ކުރޭ. ފޮޓޯ: މެޓް ރެއިޗެލް

މި ޕްލޭން އެކުލަވާލާފައިވަނީ ދާއިރާގެ ތަޖުރިބާކާރުންނާއެކު ބޭއްވުން ބައްދަލުވުންތަކަކަށް ފަހުގައި ކަމަށް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ. އެގޮތުން 300 އަށްވުރެ ގިނަ ފަރާތާއެކު މަޝްވަރާ ބައްދަލުވުން ބޭއްވިފައިވެއެވެ. ދިވެހި ސަރުކާރުގެ މި ނިންމުމުގެ ސަބަބުން، ޖުލައި 2016 ގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ރެޑް ލިސްޓް އޮފް ތުރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުމެއް ކަމަށް ކަނޑައަޅާފައިވާ ފެހުރިހީގެ ރައްކާތެރިކަން ދިވެހިރާއްޖޭގައި އިތުރަށް ކަށަވަރުވާނޭކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އަދި މީގެ އިތުރުން އެ ސަރަހައްދަށް މޫދަށް ފައިބާ ފަތުރުވެރިންގެ ރައްކާތެރިކަމަށް ވެސް މިއީ އެޅިގެންދިޔަ މުހިންމު ފިޔަވަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު
02 ފެބްރުއަރީ 2025

ފެހުރިހި ދޮންބެ ·

މިީ ކުރަން ލަސްވެފަ އޮތް ކަމެއް، ކޮންމެ ދުވަހަކު ތިޔަ ބުރަފަތި ތަކުގަ ޖެހިގެން އަހަރުމެނަށް ހާދަ އަނިޔާއެއް ވެޔޭ، ނޫސްވެރިންވެސް އިންސާނަކަށް އަނިޔާއެއް ލިބުނިއްޔާ ހީވާނީ އެހެން ކަމެއްހެން، ޝުކުރިޔާ ޑރ. މުއިއްޒު