ENGLISH
06 އޭޕްރީލު 2025
އެމެރިކާގެ ވައިގެ ހާދިސާ: އެއްވެސް މީހަކު ސަލާމަތެއް ނުވި، ކަޅުފޮށިތައް ހޯދައި ތަހުޤީޤު ކުރިއަށް
31 ޖެނުއަރީ 2025
|
އެންމެ މަޤްބޫލު
އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގެ އެއާޕޯޓަކަށް ޖައްސަން އުޅުމުގެ ތެރޭގައި އާންމުން ދަތުރުކުރަމުންދިޔަ މަތިންދާބޯޓަކާއި އަސްކަރީ ހެލިކޮޕްޓަރެއް ވައިގެ ތެރޭގައި ޖެހި، ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެ ދެ އުޅަނދުގައި ތިބި ހުރިހާ އެންމެން މަރުވެފައިވާ ކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ، ރޭގަން ވޮޝިންގްޓަން ނެޝަނަލް އެއާޕޯޓަށް ޖައްސަން އައި އެމެރިކަން އެއާލައިންސްގެ ފްލައިޓެއް، އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކްސް ހެލިކޮޕްޓަރެއްގައި ޖެހިގެންނެވެ.
އެމެރިކަން އެއާލައިންސްއިން ބުނީ، ހާދިސާ ހިނގި ވަގުތު މަތިންދާބޯޓުގައި 60 ފަސަންޖަރުންނާއި ހަތަރު ކްރޫއިން ދަތުރުކުރަމުންދިޔަ ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، އެ ބޯޓުގައި ޖެހުނު ހެލިކޮޕްޓަރުގައި ސިފައިންގެ ތިން މީހުން ތިބި ކަމަށެވެ.
ވައިގެ ތެރޭގައި ހިނގި އެކްސިޑެންޓުގައި، އެ އުޅަނދުތައް އެއާޕޯޓު ކައިރީގައި އޮންނަ ޕޮޓޯމެކް ކޯރަށް ވަނީ ވެއްޓިފައެވެ. މި ހާދިސާގައި ދެ އުޅަނދުން ދަތުރުކުރި 67 މީހުން ވެސް މަރުވެފައިވާ ކަމަށް ކަމާގުޅޭ އިދާރާތަކުން ބުންޏެވެ.
އެމެރިކާގެ ނެޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބިޔުރޯ (އެންޓީއެސްބީ)އިން ނެރުނު ބަޔާނެއްގައި ބުނީ، މަތިންދާބޯޓުގެ ކަޅުފޮށިތައް މިހާރު ހޯދާފައިވާ ކަމަށާއި، މި ހާދިސާގެ ތަހުޤީޤު ކުރިއަށްދާ ކަމަށެވެ.
އެމެރިކާގެ ނިއު ޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގި ވަގުތު، އެއާޕޯޓުގެ ޓަވަރުގައި އެކަށީގެންވާ މިންވަރަށް މުވައްޒަފުންނެއް ނެތެވެ.
މި ހާދިސާއާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސިޔާސީ ގޮތުން، ކުރީގެ ސަރުކާރަށް ބޮޑެތި ތުހުމަތުތައް ކުރައްވައިފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގެ ވައިގެ ދަތުފަތުރުގެ ސަލާމަތީ ކަންކަން ދޯހަޅިވެފައިވަނީ، ޤާބިލުކަމަށް ނުބަލައި، ހުރިހާ ނަޞްލުތަކެއް ޝާމިލުކޮށްގެން ވަޒީފާ ދިނުމުގައި ކުރީގެ ސަރުކާރުން ގެންގުޅުނު އުޞޫލުގެ ސަބަބުންނެވެ.
އެމެރިކަން އެއާލައިންސްގެ ފްލައިޓް 5342 ރޭގަން އެއާޕޯޓަށް ދަތުރުކުރަމުން ދިޔައީ ވިޗިޓާ، ކެންސަސްއިން ފުރައިގެންނެވެ. ހެލިކޮޕްޓަރު ދަތުރުކުރަމުންދިޔައީ، ވަރޖީނިޔާގައި ހުންނަ އަސްކަރީ މަރުކަޒުން ނައްޓާލައިގެން ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.
މިއީ 2009 ވަނަ އަހަރުގެ ފަހުން، އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ހާދިސާއެވެ.