ENGLISH

22 އޭޕްރީލު 2025

Advertisement

އިހަވަންދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ރައީސް ފައްޓަވައިދެއްވައިފި

29 ޖެނުއަރީ 2025

|

ޢަލީ ޝަހީމް

ހއ. އިހަވަންދޫގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައިދެއްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު މިއަދު ހަވީރު ހއ. އިހަވަންދޫއަށް ވަޑައިގެންނެވުމަށްފަހު، އެރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ 6 މަޝްރޫޢު އިފްތިތާޙް ކުރެއްވުމުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިހަވަންދޫއަށް ވަޑައިގެން އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަތީ އެރަށުގައި މުޅިން އަލަށް ޤާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރައްމިއްޔާތުގައެވެ. ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އެވެ. އިހަވަންދޫގައި ފެންވަރު ރަނގަޅުކޮށް ތަރައްޤީކުރާ އެ ފިޝަރީޒް ކޮމްޕްލެކްސްއާއި ބަނދަރުގެ ޖުމްލަ މަސައްކަތަށް 474 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް، ރައީސް ޑރ. މުޢިއްޒު ބައިވެރިވަޑައިގެންނެވި ޖަލްސާގައި އިތުރު 5 ޚިދުމަތެއް ވަނީ އިފްޠިތާޙްކޮށްފައެވެ. އެގޮތުން އެރަށުގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި އިހަވަންދޫއިން ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

އެ ޚިދުމަތްތައް އިހަވަންދޫގައި ފެށުމާއެކު ރައްޔިތުންނަށް މާލީގޮތުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވަނީ ޖަލްސާގައި ވިދާޅުވެފައެވެ. ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ މީގެކުރިން އެ ޚިދުމަތްތައް ހޯދަނީ މާލެއިން ނުވަތަ ކައިރި ރަށްރަށުން ކަމަށާއި، އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބެން ފެށުމާއެކު އެއީ އެރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އިހަވަންދޫގައި މިއަދު ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުން އެރަށުގައި މުޅިން އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ، އޭޓީއެމްގެ ޚިދުމަތް ދިނުމުގެ ފަހުމުނާމާގައިވެސް ސޮއިކޮށްފައެވެ. ފަހުމުނާމާގައި އިސްލާމިކް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލްއެވެ.

އިހަވަންދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލާއި އެރަށު ހުރަވީ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އިފްޠިތާޙްކޮށް އެ މަސައްކަތް ޙަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ. އާރުޑީސީގެ ފަރާތުން އެ ފަހުމުނާމާތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރުއެވެ. ތަރައްޤީގެ އެ ދެ މަޝްރޫޢުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހީމް އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ވަނީ ބައިވެރިވަޑަގެންފައެވެ.

ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިއަދު ފެށިގެންދިޔަ މަޝްރޫޢުތަކުގެ އިތުރުންވެސް އިހަވަންދޫގައި ތަރައްޤީގެ އިތުރު މަސައްކަތްތައް ސަރުކާރުން ކުރައްވާނެ ކަމަށެވެ. އެގޮތުން އިހަވަންދޫގައި ޑަޔަލިސިސްގެ ދިނުމުގެ ޚިދުމަތް ފެބްރުވަރީ މަހު ފެށޭނެ ކަމަށާއި، އެރަށުގައި 200 ހައުސިން ޔުނިޓް ޤާއިމްކުރުމުގެ މަސައްކަތާއި މިހާރު ބޭނުންކުރާ ބަނދަރުގެ މައްސަލަ ޙައްލުކުރުމުގެ އިތުރުން، ތަޢުލީމީ ގޮތުން ޚިދުމަތްތައް ފުޅާކުރައްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އިހަވަންދޫއަށް ރައީސް ޑރ. މުޢިއްްޒު ވަޑައިގަތުމުން އެރަށުގެ ގިނަ ބަޔަކު ވަނީ ރައީސްއަށް މަރުޙަބާ ދެންނެވުމަށް ވަޑައިގެންފައެވެ. 

ކިޔުންތެރިންގެ ހިޔާލު