ENGLISH
06 ޖުލައި 2025
އިހަވަންދޫގައި ގިނަ ޚިދުމަތްތަކާއެކު ޤާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
29 ޖެނުއަރީ 2025
|
އިހަވަންދޫގައި ޤާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އިހަވަންދޫއަށް މިއަދު ވަޑައިގަތް ދަތުރުފުޅުގައި، އެރަށުގައި މުޅިން އަލަށް ޤާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ މިއަދު އަޅައިފި އެވެ.
ގިނަ ޚިދުމަތްތަކާއެކު ޤާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އެވެ.
އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު، އައިއެސްޑީބީގެ މާލީ އެހީތެރިކަމާއެކުއެވެ. ފިޝަރީޒް ކޮމްޕްލެކްސްގައި 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ޤާއިމްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި، ކޮމްޕްލެކްސްއަށް ޚާއްޞަކޮށް އިންޖީނުގެއަކާއި، ގުދަނެއްގެ އިތުރުން ވެހިކަލް ވޯކްޝޮޕެއް އަދި އޮފީސް އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރު ޚިދުމަތްތަކުގެ ތެރޭގައި، 130 މީޓަރުގެ ދިގު އެއްގަމަށް މަގަތު ފާލަމަކާއި ތިން ޕޮއިންޓުން މަސްކިރޭގޮތަށް 3.5 މީޓަރުގެ ފުންމިނުގެ ބަނދަރެއް ވެސް ޖެޓީއާއެކު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިހަވަންދޫގައި އަލަށް ޤާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ބިންގާ އެޅުމުގެ ރަސްމިއްޔާތަށްފަހު އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފިޝަރީޒް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފަށައި 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އިހަވަންދޫގައި ޤާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސްއާއެކު 150 އެއްހާ ވަޒީފާ އުފެދިގެންދާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް. ޑރ. މުޢިއްޒު ވިދާޅުވީ ފިޝަރީޒް ކޮމްޕްލެކްސް އަދި އެ ޚިދުމަތަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ ބަނދަރާއެކު އެ މަޝްރޫޢުގެ ޖުމްލަ އަގު 474 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުންވެސް އިހަވަންދޫގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. އޭގެތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމާއި، އިހަވަންދޫގައި އަލަށް ހޮސްޕިޓަލެއް އެޅުމާއި، އެރަށުގެ ހުރަވީ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.