ENGLISH
22 އޭޕްރީލު 2025
ގެދޮރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫޢުގެ ދަށުން 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އިމާރާތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައްވައިފި
29 ޖެނުއަރީ 2025
|
ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ރަސްމާލޭގެ ކުރެހުމެއް: މި އަހަރު 1.5 ބިލިއަން ރުފިޔާ ބޯހިޔާވަހިކަމަށް ސަރުކާރުން ހޭދަކުރާނެ.
ރާއްޖޭގައި މިހާތަނަށް ހިންގޭ ގެދޮރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫއުގެ ދަށުން 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އިމާރާތްކޮށްދޭން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިއަދު އިޢުލާނު ކުރައްވައިފިއެވެ.
އެ ވުޒާރާއިން ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ކުރެއްވި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި 57 ރަށެއްގައި ހައުސިން ޔުނިޓު އަޅަން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ހުޅުވާލައްވާފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މިގޮތުން މި މަޝްރޫޢުގެ ދަށުން އިޢުލާނުކުރާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ.) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ.
މާލީ ވުޒާރާގެ އިއުލާނާއެކު ހިމަނުއްވާފައިވާ ދެ އެނެކްސްއެއްގައި ހައުސިން ޔުނިޓުތައް އަޅާރަށްތަކާއި ރަށްތަކުގައި އަޅާ ހައުސިން ޔުނިޓުތަކުގެ ޢަދަދާއި އަދި ބީލަން ހުށެހެޅޭ މޮޑެލަތަކާއި ކެޓަގަރީތައް ހިމަނުއްވާފައިވެއެވެ.
ހައުސިން ޔުނިޓުތައް އެޅުމުގެ މަޝްރޫޢު ކެޓަގަރައިޒް ކޮށްފައިވާ ގޮތް:
- 18 ރަށެއްގައި 1- 50 ހައުސިން ޔުނިޓާ ހަމައަށް
- 17 ރަށެއްގައި 51-150 ހައުސިން ޔުނިޓާ ހަމައަަށް
- 10 ރަށެއްގައި 200-250 ހައުސިން ޔުނިޓާާ ހަމައަށް
- 12 ރަށެއްގައި 300 އަށްވުރެ ގިނަ ހައުސިން ޔުނިޓު
އެ ލިސްޓުގައިވާ ގޮތުން އެންމެ މަދުން ހައުސިން ޔުނިޓް އަޅާ އދ. ދިގުރަށުގައި 30 ޔުނިޓު އަޅަ އެވެ. އެންމެ ގިނަ ހައުސިން ޔުނިޓު އަޅަން އިއުލާނުކޮށްފައިވަނީ ހދ. ކުޅުއްފުއްށީގައެވެ. އެއީ 2،000 ހައުސިން ޔުނިޓެވެ.
300 ހައުސިން ޔުުނިޓަށްވުރެ ގިނަ ހައުސިން ޔުނިޓު އިމާރާތްކުރާ ރަށްތައް:
1. މ. މުލި، 300 ހައުސިން ޔުނިޓު
2. ޅ. ނައިފަރު، 400 ހައުސިން ޔުނިޓު
3. ހދ. ހަނިމާދޫ، 500 ހައުސިން ޔުނިޓު
4. ރ. އުނގޫފާރު، 500 ހައުސިން ޔުނިޓު
5. ދ. ކުޑަހުވަދޫ، 500 ހައުސިން ޔުނިޓު
6. ލ. ގަމު، 500 ހައުސިން ޔުނިޓު
7. ލ. ފޮނަދޫ، 500 ހައުސިން ޔުނިޓު
8. ގދ. ތިނަދޫ، 500 ހައުސިން ޔުނިޓު
9. ޏ. ފުވައްމުލަކު، 500 ހައުސިން ޔުނިޓު
10 ސ. ހިތަދޫ، 500 ހައުސިން ޔުނިޓު
11. ކ. ތުލުސްދޫ، 550 ހައުސިން ޔުނިޓު
12. ހދ. ކުޅުދުއްފުށި، 2000 ހައުސިން ޔުނިޓު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މި މަހުގެ 5 ވަނަ ދުވަހު ކ. ގުޅީގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މާލެ ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މި މަހު އިއުލާންކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ވަޢުދުވެފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް، ރަށްރަށުގައި އަޅުގަނޑު ކުރިއަށް ގެންދިއުމަށް ކެމްޕެއިން ތެރޭގައި މެނިފެސްޓޯގައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ހިންގައިދޭނެ ފަރާތެއް ހޯދަން، އަމަލީ ގޮތުން މަސައްކަތްކުރާނެ ކޮންޓްރެކްޓަރުން ހޯދަން އަޅުގަނޑުމެން އިއުލާންކުރަން މި ޖެނުއަރީ މަސް ތެރޭގައި،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މިއަހަރު ވެގެންދާނީ އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ އަހަރަށެވެ. ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މި އަހަރަށް ކަނޑައަޅުއްވާފައިވެެއެވެ.
މާލޭ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓާއި ރަށްރަށުގައި 12،000 ހައުސިން ޔުނިޓާ އެކު ޖުމްލަ 27،000 ހައުސިން ޔުނިޓްގެ މަސައްކަތް މި އަހަރު ކުރިއަށް ދާނެކަން ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.
މާލީ ވުޒާރާގެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއު ހިންގޭނީ މަސައްކަތް ހަވާލުކުރާ ފަރާތުން 100 އިންސައްތަ ފައިނޭންސް ކުރާ ގޮތަކާއި ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން 15 އިންސައްތަ އިކުއިޓީ ހަމަޖައްސާ ގޮތަށާއި ނޫންނަމަ ކޮންޓްރެކްޓާ ފައިނޭސް ކުރާ ގޮތަށެވެ.
އެ ވުޒާރާގެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި ޝައުޤުވެރިވާ ފަރާތްތަކަށް އެނެކްސް 2 ގައި ކަނޑައަޅާފައިވާ ކެޓަގަރީތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ. ފައިނޭންޝަލް މޮޑެލްތަކާއި އެ މޮޑެލްތަކުގެ ތަފްސީލީ މަޢުލޫމާތު މި މަޝްރޫޢުގެ ދަށުން ކުރެވޭ އިޢުލާންތަކުގެ ސްޕެސިފިކް ޕްރޮކިއުމަންޓް ނޯޓިސްތަކާއެކު ފޯރުކޮށްދެވޭނެއެވެ. ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އަށް ހުޅުވާލެވޭ ކޮންޓްރެކްޓްތަކަށް ޚާއްޞަ ޕްރޮކިއުމަންޓް ނޯޓިސްތައް، ފެބްރުއަރީ 2025 ގައި، އިޢުލާންކުރެވޭނެއެވެ.