ENGLISH
22 އޭޕްރީލު 2025
ދަތުރުފުޅަށް ފާޑުކިޔާތީ ރައީސްގެ ރައްދު: މިއީ ބޭކާރު ޚަރަދެއް ނޫން
29 ޖެނުއަރީ 2025
|
ރަށްރަށަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކަށް ބައެއް ފަރާތްތަކުން ފާޑުކީ ނަމަވެސް ރައްޔިތުންނާ ބައްދަލު ކުރައްވަން ކުރައްވާ ދަތުރުފުޅުތަކަކީ ބޭކާރު ޚަރަދުތަކެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. މާރަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރަށްރަށަށް ވަޑައިގެން ކުރަން ޖެހޭކަންކަން އޮޅުންފިލުއްވާ ހައްލު ހޯދެއްވުމަށް ކުރައްވާ މަސައްކަތްޕުޅަކީ ބޭކާރު ޚަރަދެއް ނޫން ކަމަށެވެ.
"އަޅުގަނޑު އެކަނިވެސް އާދެވޭނެ ދަތުރުތަކުގައި. އައިސްފައި ކައުންސިލާ ބައްދަލުކޮށްލާފައި ކައުންސިލުގެ ފަރާތުން ވިދާޅުވާ އެއްޗެއް ނޯޓުކޮށްލައިގެން ގޮސް އެކަން ވޭތޯ ބަލައިދޭނަމޭ ނޫނީ އެކަހަލަ ގޮތަކަށްވެސް ޖަވާބު ދެވޭނެ. އެހެންނަމަވެސް އަޅުގަނޑު ބޭނުންވީ ވަރަށް އަވަހަށް ކަންކަން ހަމަޖެހިގެން ގޮސް ނަތީޖާ ނެރެވޭނެ ގޮތަށް ބާރު ސްޕީޑުގައި ގެންދަން. ކަމާ ގުޅޭ ވަޒީރުންނާއެކު ރަށްރަށަށް މިދަނީ ސީރިއަސް މަސައްކަތެއް ކުރަން. މިކަމަށްވެސް ބައެއް ފަރާތްތަކުން އެބަ ފާޑުކިޔާ، އަޅުގަނޑު ބޭކާރު ޚަރަދުކުރަނީއޭ. ނޫން ޚަރަދު ބޭކާރުވާނީ ލަސްވެގެން ގޮސް، ގެއްލިގެންދާ ދުވަސްތަކުން އެ ލިބޭ ގެއްލުމުން މާ ބޭކާރު ހަރަދަކަށް އެބަވޭ،" ރައީސް ވިދާޅުވިއެވެ.
ރަށްރަށަށް އެމަނިކުފާނާއެކު ވަޒީރުން ބައިވެރިކުރެއްމުގެ ބޭނުންފުޅަކީ ވެސް އެރަށެއްގެ ކަމާ ގުޅޭ މުއައްސަސާއެއްގެ ޒިންމާދާރު ބޭފުޅުންނާއެކު މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއެކު ބާއްވަވާ ބައްދަލުންތަކަކީ މަޝްވަރާ މަސައްކަތު ބައްދަލުވުމެއް ގޮތުގައި ރައީސް ޑރ. މުޢިއްޒު ސިފަކުރެއްވެވިއެވެ.
"އަޅުގަނޑުބޭނުންވަނީ އަޅުގަނޑުމެން މާލޭގައި އަރާމުގައި ތިބުމުގެ ބަދަލުގައި ރަށަށް އައިސް ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ވަޒީރުން ކައުންސިލާއި މުއައްސަސާތަކުގެ ޒިންމާދާރުވެރިންނާއެކު އިށީނދެ ތިބެގެން ކޮންކަމެއްގައި އޮތީ ކޮން މައްސަލައެއްތޯ އަދި އެކަމަށް ގެނެވޭނީ ކޮން ހައްލެއްތޯ، ބެލި ދެ ފަރާތުން މަޝްވަރާކުރެވި ކަންކަން ހަމަޖެހިގެންދާން. އޭރުން ބާރަށް ހިނގާނެ ކަންކަން. އެހެންވީމަ މި ހިނގަނީ މަސައްކަތު ބައްދަލުވުންތަކެއް ކޮންމެ ރަށެއްގައި. ތިބޭފުޅުންނާއެކު މި ބޭއްވޭ ބައްދަލުވުމަކީވެސް އަޅުގަނޑު ކަންކަން ކުރަން ނިންމާ ގޮތާއި ތިބޭފުޅުންގެ ފަރާތުން އަޅުގަނޑާހަމައަށް އަންނަ ކަންކަމުގައި ކަންކުރަން ނިންމާ ގޮތް ހިއްސާކުރުން. އެހެންވީމަ ސީރިއަސް ވަގުތުތަކެއް މި ހޭދަކުރަނީ ރަށުގެ ތަރައްގީއަށްޓަކައި،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ސަރުކާރުން ރަށްރަށުގެ ބައެއް މަޝްރޫޢުތައް އެއް ކުންފުންޏަކާ ހަވާލުކޮށްފައި ހުރުމުންނާއި މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ފައިސާ ނެތި ހަވާލުކޮށްފައި ހުރުމުން އެ މަޝްރޫތައް ހުރީ ނުހިނގާ މަޑުޖެހިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އޭގެ މިސާލެއް ގޮތުން މާރަންދޫގެ ބަނދަރުގެ މަޝްރޫޢުއާއި އެރަށުގެ ކުނި މެނޭޖުކުރުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ކުނި މެނޭޖުކުރުން މިއީ ބޭރުގެ ފަންޑަކުން އޮތް ކަމެއް. އެ ހަވާލުކޮށްފައި މިއޮތީ ގާތްގަނޑަކަށް 21 ރަށެއްގައި އެއް ކުންފުންޏަކާ. އަޅުގަނޑު ކުރިން ދެންނެވިހެން މިދިޔަ ސަރުކާރުން ހުރީ އެއް ކުންފުންޏަކާ ބައިވަރު މަސައްކަތް ހަވާލުކޮށްފައި ނުހިނގާ ގޮތްވެފައި. މި މަޝްރޫއުގައި އެޑްވާންސް ފައިސާ ވެސް ދީފައި އޮތް މަޝްރޫއުއެއް މިއީ. އެހެންވީމަ މިހުރީ ކަންކަން ގޮސްފައި ހުރި ގޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ވެގެންދާނީ ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ބާރު ސުޕީޑުގައި ހިންގާނެ ދެ އަހަރު ކަމަށާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާނެ ކަމަށެވެ.