ENGLISH
22 އޭޕްރީލު 2025
ތަކަންދޫއަށް ރައީސް ދެއްވީ ތާރީޚީ ތަންތަން ހިމާޔަތްކޮށްދެއްވާނެކަމުގެ ޔަގީންކަން
29 ޖެނުއަރީ 2025
|
ހއ. ތަކަންދޫގައި ހުރި ތާރީޚީ ތަންތަން ގިނަ ދުވަސްތަކެއް ވަންދެން ހުންނާނެ ގޮތަށް ހިމާޔަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފި އެވެ.
ހއ. ތަކަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަކަންދޫއަކީ ޚާއްސަ ސިފަތަކެއް ލިބިފައިވާ މަދު ރަށްތަކުގެ ތެރެއިން އެއްރަށް ކަމަށެވެ. އެގޮތުން އެއްކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އެރަށުގައި އޮންނަ ހިރިގަލުގެ ބޮޑު ގަބުރުސްތާނެވެ. އެތަނަކީ ރާއްޖޭގައި އޮތް ހިރިގަލުގެ އެންމެ ބޮޑު ގަބުރުސްތާނުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެފަދަ ތަންތަން ގިނަ ދުވަސްތަކަށް ހިމާޔަތް ކުރެވިފައި ހުންނަން ޖެހޭނެ ކަމަށެވެ.
ތަކަންދޫގައި ހުރި ތާރީޚީ ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތް ކުރެވިގެންދާނީ ދިވެހި ޤައުމިއްޔަތު އަލުން އިއާދަކުރުމަށް ކުރަން ޖެހޭ ކަންކަން ކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ މަޝްރޫޢުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއު އެމަނިކުފާނު އިޢުލާންކުރެއްވީ އިއްޔެ އެ އަތޮޅު އުތީމުގަ ބޭއްވެވި ޖަލްސާގަ އެވެ. ދިވެހި ޤައުމިއްޔަތު އަލުން އިއާދަކުރުމާއި ދަރިވަރުންނަށް ޤައުމިއްޔަތު އުނގަންނައިދިނުމަށްޓަކައި ކުރިއަށްގެންދަވަން ނިންމަވާފައިވާ މަޝްރޫއުގެ ތެރެއިން ޖެހިޖެހިގެން ދެ އަހަރު ޤައުމީ ދުވަސް ފާހަގަކުރާނީ ހއ. އުތީމުގަ އެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫޢުގެ މައި ރަށަކީ އުތީމު ކަމަށްވިއަސް އެ މަޝްރޫއު ކުރިއަށް ގެންދަވާނީ ތަކަންދޫ އާއި ބާރަށްވެސް ހިމަނައިގެން ކަމަށެވެ.
"މިތަނުގައި މިހިރަ ތާރީޚީ ތަންނަށް ދެއްވަންވާ އިސްކަން ދީގެން ބަޖެޓުން ޚަރަދުކޮށް، އެތަންތަން ސަލާމަތްކޮށް، ރިނޮވޭޓްކޮށް، އޭގެ ހަޤީޤީ އައިޑެންޓިޓީއަށް އިއާދަކޮށް ރައްކާތެރިކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްޢޫއެއް ހިންގުމާއި އޭގެ އިތުރަށް އަޅުގަނޑުމެންގެ ކުދިންނަށް ތާރީޚު ދަސްކުރަން ބޭނުންވާ ކިޔަވާ ކުދިންނާއި ދިވެހި ރައްޔިތުންނަށް ވެސް އޭގެ ނަފާ ލިބޭނެ ގޮތައް އެތަން ބެލެހެއްޓުން އެއީ އަޅުގަނޑުގެ ސިޔާސަތު. އެހެންވީމަ މި ދެންނެވި ޤައުމީ ދުވަހާއި ބެހޭ މަޝްރޫޢުގައި ހިމަނައިގެން އަޅުގަނޑު ކުރިއަށް ގެންދަން ނިންމާފައިވާކަން ތިޔަ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
އޭގެ ނަތީޖާއަކަށް ވެގެންދާނީ ތަކަންދޫގައި ހުރި އަލިތަކުރުފާނު ޒިޔާރަތާއި ހިރިގަލުގެ ގަބުރުސްތާނާއި އަދި އެހެނިހެން ތާރީޚީ ތަންތަން ކުރިއަށް އޮތް ދިގު މުއްދަތައް ދެމިގެންދާނެ ގޮތަށް ބެހެއްޓުމެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ތާރީޚީ ތަންތަން ހިމާޔަތްކޮށް ރާއްކާތެރިކޮށް ބެލެހެއްޓިއްޖެ ނަމަ ކަލްޗުރަލް ޓޫރިޒަމަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ.
"އެއާ ގުޅުވައިގެން މިރަށުގައި ލޯކަލް ޓޫރިޒަމް ފެށިގެން ހިނގައްޖެއްޔާ އަޅުގަނޑު ހިތުން އެ ވެގެންދާނެ ރަނގަޅު އިންވެސްޓްމެންޓަކަށް، ދެކޮޅު ޖެހޭ ސަސްޓެއިނަބަލް، ފީޒިބަލް ކަމަކަށްވާނެ. އަޅުގަނޑަށް އެތަން އެބަ ފެނޭ. ސަރުކާރުން މި ގޮތަށް އިސްނަގައިގެން ކަންތައްތަކެއް ކުރަމުން ގޮސްފިއްޔާ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އެރަށުގެ ތަރައްޤީއަށް ވެސް ކުރަން ހުރި ކަންތަކުގެ ތެރެއިން މިހާރު ކުރިއަށް ގެންދަވަން ނިންމަވާފައި ބައެއް ކަންކަން ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދެވާނެ ކަމަށާއި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އަންނަ ރަމަޟާން މަހުގެ ކުރިން އާރުޓީއެލް ފެރީގެ ޚިދުމަތް ތަކަންދޫގައި ފަށާނެ ކަމަށާއި ތަކަންދޫގެ ސްކޫލަށާއި ސިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.