ENGLISH
22 އޭޕްރީލު 2025
ތަހުޤީޤީ އިދާރާތަކަށް ބައެއް ކައުންސިލުތަކުން އެއްބާރުލުމެއް ނުދޭ: އެލްޖީއޭ
29 ޖެނުއަރީ 2025
|
ތަހުޤީޤީ އިދާރާތަކަށް ބައެއް ކައުންސިލުތަކުން އެއްބާރުލުން ނުދޭ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެ އެވެ.
އެލްޖީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި މިކަން ފާހަގަކުރީ އާދީއްތަ ދުވަހުގެ ވަގުތެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޓީމެއް ތިނަދޫ ކައުންސިލު އިދާރާއަށް ވަނުމުން އެ ކައުންސިލުން އެކަމާ ގުޅޭ ޝަކުވާއެއް ފުލުހުންނަށް ހުށަހަޅާފައިވަނިކޮށެވެ.
އެލްޖީއޭ އިން ވަނީ ތަހުޤީޤީ އިދާރާތަކަށް ބައެއް ކައުންސިލުތަކުން އެއްބާރުލުން ނުދޭކަމުގެ ޝަކުވާތައް އެ އިދާރާއަށް ލިބެމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެ އިދާރާއަށް ޝަކުވާތައް ލިބެމުންދިޔައީ ކޮން ކައުންސިލުތަކާއި ގުޅޭގޮތުންކަން އެލްޖީއޭއިން ހާމަކޮށްފައެއް ނުވެއެވެ.
އެލްޖީއޭއިން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ކައުންސިލުތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދަނީ ޤާނޫނު އަސާސީ އާއި ލާމަރުކަޒީ ޤާާނޫނާއި އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށްތޯ ބެލުމަކީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެ ޤާނޫނުގައިވާ ގޮތުން ރާއްޖޭގައި ޢަމަލުކުރެވެމުންދާ ހުރިހާ ޤާނޫނުތަކަށް ކައުންސިލަރުން ތަބާވާންވާނެ ކަމަށް އެލްޖީއޭ އިން ވިދާޅުވިއެވެ.
""ނަމަވެސް ތަހުޤީޤީ އިދާރާތަކަށް ބައެއް ކައުންސިލުތަކުން އެއްބާރުލުން ލިބެމުން ނުދާކަމުގެ ޝަކުވާ މި އޮތޯރިޓީއަށް ލިބެމުންދާކަމީ މި އޮތޯރިޓީ އިން ނުހަނު ކަންބޮޑުވާކަމެއް"" - އެލްޖީއޭ
ވީމާ، ތަހުޤީޤު އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށާއި އެފަރާތްތަކުގެ ޤާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ކައުންސިލަކުން ހުރަސް ނޭޅުމަށް އެލްޖީއޭއިން އެދިވަޑައިގެންފައިވެއެވެ. އަދި ތަހުޤީޤީ އިދާރާތަކުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އެހީތެރިވުމުގެ އިތުރުން މައްސަލަތަކާއި ގުޅިގެން އެ އިދާރާތަކުން ކައުންސިލުތަކަށް އަންގާ އެންގުންތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެލްޖީއޭ އިން އެދިވަޑައިގެންފައިވެއެވެ.
އޭސީސީ އިން ހޯމަ ދުވަހު ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ތިނަދޫ ކައުންސިލަށް ކޮމިޝަންގެ ޓީމެއް ވަނީ އުސޫލާ އެއްގޮތަށް ކަމަށެވެ. އެގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭގޮތުން ތަހުޤީޤަށް ބޭނުންވާ ލިޔެކިޔުން ހޯދުމުގެ މަސައްކަތްކޮށްފައިވާކަން ބަޔާނުގައިވެ އެވެ. ތަހުޤީޤަށް ކައުންސިލްގެ ފުރިހަަމަ އެއްބާރުލުން ލިބިފައިނުވާކަން އޭސީސީއިން ފާހަގަކުރެއްވިއެވެ.