ENGLISH

22 އޭޕްރީލު 2025

Advertisement

އިންވެސްޓްމެންޓްގެ މަޝްވަރާތަކަށް ދެ ވަޒީރަކު ސަޢުދީގައި

29 ޖެނުއަރީ 2025

|

ރާޔާ ރިޒާ

ސަޢުދީ ޢަރަބިއްޔާއާ އެކު އިންވެސްޓްމެންޓްގެ މަޝްވަރާތައް ކުރެއްވުމަށްޓަކައި ދެ ވަޒީރަކު އެ ޤައުމަށް ވަޑައިގެންފިއެވެ.

ސައުދީއާ އެކު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް އަދި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މިނިސްޓަރ މުއްޠަލިބު ސަޢުދީއާ އެކު އިންވެސްޓްކުރުމުގެ މަޝްވަރާކުރައްވާފައި ވަނީ ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް މުނިސިޕަލްޓީސް އެންޑް ހައުސިން، މާޖިދު ބިން ޢަބްދުﷲ އަލް-ހޮގައިލްއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ. 

މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ކުރިމަގުގައި ތަރައްޤީއާއި ކުރިއެރުން އިތުރު ކުރުމަށް ދެ ޤައުމުގެ ދެމެދު އުފެއްދޭނެ އިންވެސްޓްމެންޓް ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. 

ޑރ. ޚަލީލް ވެސް ސަޢުދީގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިސަރ، "އެމްއެމް ޓީވީ" އަށް މަޢުލޫމާތު ދެއްވިއެވެ. 

ފޮރިން މިނިސްޓްރީ އިން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމަރސްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ސަޢުދީ ޢަރަބިއްޔާއާ އެކު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދޭ މިންވަރު މި ދަތުރުފުޅުން ރަމްޒުކޮށްދޭ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު