ENGLISH
22 އޭޕްރީލު 2025
ސިޔާސީ ފިކުރު ތަފާތުވުމަކީ އަނެކާ ކުޑައިމީސް ކުރުމުގެ ޙައްޤު ތަނަވަސްކޮށްދޭ ކަމެއް ނޫން: ރައީސް
29 ޖެނުއަރީ 2025
|
ކޮންމެ ރައްޔިތަކީ ހުރުމަތްތެރިވެގެންވާ، އަދި ޢަބުރެއް އޮތް ރައްޔިތެއް ކަމަށް ޤަބޫލުކޮށް، ސިޔާސީ ފިކުރު ތަފާތު ވުމަކީ އަނެކާ ކުޑައިމީސް ކުރުމުގެ ޙައްޤު ތަނަވަސްކޮށްދޭ ކަމެއް ނޫންކަން ޤަބޫލުކުރަންޖެހޭ ކަމަށާއި، ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާނީ، އަދި ޤައުމަށް ކުރިއެރުން އަންނާނީ މި ފިކުރު، ފަރުދީ ފެންވަރުގައި ކުރާނެ ބަޔަކު ތިބި ދުވަހަކުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދިއްދޫގެ ރައްޔިތުންނާ މިރޭ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ހުރިހާ ރައްޔިތުން އެކުވެރިކަމާއެކު ކުރިއަށް ވަޑައިގަތުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހުރިހާ ރައްޔިތުންވެސް ހެޔޮ ގޮތުގައި ކަންކަމާ މެދު ވިސްނެވުމަށް އެދިވަޑައިގެންފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ތަރައްޤީއަށްޓަކައި ކުރާ ކަންކަމީ އެ ރަށަކުން ގެންދެވޭނެ އެއްޗެއް ނޫން ކަމަށާއި، ސިޔާސީ ކޮންމެ ފިކުރެއްގެ މީހެއް ކަމުގައިވީ ނަމަވެސް އެކަމުގެ ފައިދާ އޮތީ ރަށުގައި ތިއްބެވި ރައްޔިތުންނަށް ކަމަށެވެ.
އަޅުގަނޑުމެން އެންމެންނަކީ ޤައުމުގެ މުސްތަޤުބަލާ މެދުގައި ޤައުމީ ވިސްނުމެއްގައި ވިސްނަވައި، އިސްލާމުން ކަމުގައި ވީތީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާގެ މަތީން ހަނދާންކޮށް، އެކަތިގަނޑަކަށްވެ، ޤައުމައިގެން ކުރިއަށްދާ ބަޔަކަށް ވުމަށް، ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ކުރިފުޅުމަތީގައި ހުރިހާ ރައްޔިތުންވެސް ހަމަކަމަށާއި، ސަރުކާރުން ދޭ ޚިދުމަތްތަކުގައި ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި ޚިޔާލު ތަފާތު ވެދާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަފާތު ޚިޔާލުތައް ފާޅުކުރެއްވުމަށް ފުރުޞަތު އޮތްކަން ފާހަގަކުރައްވާފައެވެ.
ޤާނޫނު އަސާސީއިން ކޮންމެ ރައްޔިތަކަށް ލިބިދޭ ޙައްޤެއް، އޭގެ އެންމެ ފުރިހަމަ މިނުގައި ލިބިދީފައި އޮތުމީ އެ މަނިކުފާނުގެ ސަރުކާރުން މިއަދާ ހަމައަށްވެސް ތަންފީޒު ކުރައްވަމުން ގެންދެވި ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ބަދަލު ހިއްޕެވުމުގެ ރޫޙެއްގައި ކަމެއް ކުރައްވާފައި ނުވާނެ ކަމަށާ، އެދިވަޑައިގަންނަވަނީ ޤައުމަށް ހަމަޖެހުން ލިބުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސިޔާސީ ގޮތުން އަނިޔާވެރިވާ މަންޒަރެއް، އެ މަނިކުފާނުގެ ކިބައިން ކުރިއަށް އޮތްތަނުގައިވެސް ފެނިގެންނުދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
އެ މަނިކުފާނާ ދިމާއަށް، އަދި ސަރުކާރާ ދިމާއަށް ކިތަންމެ އެއްޗެއް ކިއެއްކަމަކު، ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ބިނާވެފައިވާ ޤައުމެއްކަމުން، އިސްލާމް ދީން ގެނެސްދީފައިވާ ހަމަތަކަކީ އެންމެންވެސް ޤަބޫލުކުރަންޖެހޭނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮންމެ ރައްޔިތަކީވެސް ޤާނޫނަކުން މަނާ ނުވާ ކޮންމެ ކަމެއް ކުރުމުގެ ޙައްޤު ލިބިގެންވާ ރައްޔިތެއް ކަމަށާ، ސަރުކާރަށް އޮތީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަނިކުފާނުގެ ސަރުކާރު ދެމި އޮންނާނީ އެގޮތުގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މާތް ﷲ ސުބްޙާނަހޫވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވި ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.