ENGLISH
22 އޭޕްރީލު 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހއ. ދިއްދޫ އަށް މިރޭ އިރާކޮޅު ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދިއްދޫ އަށް ފައިބައިވަޑައިގަތުމުން އެމަނިކުފާނަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ލަތީފް މުހައްމަދު އެވެ. އެއަށް ފަހު ރައީސް ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ދިއްދޫން ނުކުމެ ތިބި ގިނަ އަދަދެއްގެ ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރައްވައިފައެވެ. އިދިކޮޅު އެމްޑީޕީގެ ސަޕޯޓް ބޮޑު ރަށެއްގެ ގޮތުގައި ކުރިން ބެލެވުނު ދިއްދޫގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވުމަށް ބާއްވާ ރަސްމީ ޖަލްސާ މިރޭ އޮންނާނެ އެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.