ENGLISH
22 އޭޕްރީލު 2025
މި އަހަރާއި އަންނަ އަހަރުގެ ޤައުމީ ދުވަސް އުތީމުގައި ކުލަގަދަކޮށް ފާހަގަކުރަން ރައީސް ނިންމަވައިފި
28 ޖެނުއަރީ 2025
|
އުތީމަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވައި ރައީސް ޑރ، މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
މި އަހަރާއި އަންނަ އަހަރުގެ ޤައުމީ ދުވަސް، ޤައުމީ ފެންވަރުގައި ހއ. އުތީމުގައި ފާހަގަކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ޤައުމީ ދުވަސް އުތީމުގައި ފާހަގަކުރައްވާނެކަން ރައީސް އިއުލާނުކުރެއްވީ މިއަދު ހަވީރު އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޤައުމީ ދުވަސް މީގެކުރިން ފާހަގަކުރީ އާދައިގެ ގޮތަކަށް ކަމަށާއި، އެހެންނަމަވެސް ޤައުމީ ދުވަސް ފާހަގަކުރުމުގައި އެމަނިކުފާނުގެ ވިސްނުންފުޅު ތަފާތު ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ 2025 އަދި 2026 ވަނަ އަހަރުގެ ޤައުމީ ދުވަސް އުތީމުގައި ކުރިއަށްދާނީ މަޝްރޫޢެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ޤައުމީ ދުވަސް ފާހަގަކުރާނީ، އުތީމުގެ ގަނޑުވަރާއި، ރަށުގައި ހުރި މުހިއްމު ތަންތަނާއި، ތާރީޚީ ގޮތުން ޙިމާޔަތްކޮށް ބަލަހައްޓަންޖެހޭނެ ތަންތަނާއި، އަދި ޤައުމީ ވިސްނުމެއްގައި ކުރިއަށް ގެންދެވިދާނެ އެކިކަހަލަ ޕްރޮގްރާމްތައް ހިމަނައިގެން ޤައުމީ މަޝްރޫޢެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް އުތީމުގައި ފާހަގަކުރުމުން، ފިކުރީ ގޮތެއްގައި ޤައުމީ ވިސްނުން ޤައުމުގައި ފެތުރުމުގައި، އުތީމުން ފުރިހަމަ ދައުރު އަދާކުރުމަށް މަގުފަހިވެގެން ދާނެކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އުތީމަށް ވަޑައިގަތުމުން ކުރެވެނީ ޤައުމީ ލޯބި އެތައް ގުނައަކުން އިތުރުވެގެންދާ އިޙްސާސެއް ކަމަށާއި، ޤައުމުގެ ޤައުމިއްޔަތު އިޔާދަކޮށް އަދި ކުރިއަށް އަންނަން އޮތް ޖީލުތަކަށް ފޯރުވުމުގައި ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގައި އުތީމަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އަދި އަދާކުރަންޖެހޭ ރަށެއް ކަމަށެވެ.
ޤައުމިއްޔަތު ޙިމާޔަތްކުރާނަމަ އުތީމަށް ސަރުކާރުތަކުން ސަމާލުކަން ދޭންޖެހޭ ކަމަށާއި، މި ސަރުކާރުގެ ތަރައްޤީގެ ދުވެލީގައި އުތީމު ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށާއި، ތަފާތުކުރުމެއް ނެތި އުމްރާނީ ތަރައްޤީގެ ރޮނގުން ގިނަ މަސައްކަތްތަކެއް އުތީމުގައި ކުރައްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ވަނީ، އުތީމުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސްއިން އިމާރާތްކުރާ އޭޓީއެމް އިމާރާތުގެ މަސައްކަތް އުތީމު ކައުންސިލާ ޙަވާލުކޮށްފައެވެ. މަސައްކަތުގެ އެއްބަސްވުން ކައުންސިލާ ޙަވާލުކުރުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަރީފް އެވެ. އަދި، އުތީމު ކައުންސިލްގެ ފަރާތުން މަސައްކަތާ ޙަވާލުވީ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު އެވެ.
އުތީމަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ އުތީމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.