ENGLISH

22 އޭޕްރީލު 2025

Advertisement

ރަމަޟާން މަހަށް ރާއްޖެ ގެންނަ ޙާފިޒުންނާއި ޤާރީންނަށް 45 ދުވަހުގެ ވީޒާއެއް ދޫކުރަނީ

28 ޖެނުއަރީ 2025

|

ޢަލީ ޝަހީމް

ސާދަ ސަތޭކަ ހަވަނަ އަހަރުގެ ރަމަޟާން މަހު، ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުގެ ޙާފިޒުންނާއި ޤާރީން ގެނައުމަށް "ސްޕެޝަލް ވީޒާ" އެއް ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމަވައިފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުއްވި ބަޔާނުގައި ވަނީ، ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ޙިފްޒުކޮށް ތަރާވީޙް ނަމާދު އިމާމުވެ ކުރެއްވުމަށް، ރާއްޖެއިން ބޭރުން ޙާފިޒުން އަދި ޤާރީން ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުއްދަ ދެއްވާފައިވާ ފަރާތްތަކަށް 'ސްޕެޝަލް ވީޒާ' އަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޝަރުތުތައް ހަމަވެ އެޕްރޫވަލް ލިބިވަޑައިގަންނަވާ ފަރާތްތަކަށް، ރާއްޖެ އަންނަ ދުވަހުން ފެށިގެން 45 ދުވަހުގެ 'ސްޕެޝަލް ވީޒާ' ލިބޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.

ތަރާވީޙް ނަމާދު އިމާމުވެ ކުރެއްވުމަށް، ޙާފިޒުންނާއި ޤާރީން ގެނައުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އިމިގްރޭޝަންގެ އޮންލައިން 'އިމުގާ' ޕޯޓަލް މެދުވެރިކޮށް 'ސްޕެޝަލް ވީޒާ' އަށް އެދި ފޯމު ހުށަހެޅޭނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި، ހުށަހަޅުއްވާ އެޕްލިކޭޝަންތަކުގެ ތެރެއިން ވީޒާ ދޫކުރުމާ މެދު ނިންމާގޮތުގެ މަޢުލޫމާތު އެޕްލިކޭޝަން ހުށަހަޅުއްވާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި 'އިމުގާ' ޕޯޓަލްއިން އަދާހަމަކުރާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.  

ޙާފިޒުންނާއި ޤާރީންނާއެކު އަންނަ އާއިލީ މެމްބަރުން ޢަމަލުކުރަންޖެހޭ ގޮތްވެސް އިމިގްރޭޝަނުން ވަނީ އާއްމުކުރައްވާފައެވެ. އެގޮތުން، އެފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް "ސްޕޮންސަރޝިޕް ޑެކްލެރޭޝަން" ހުށަހަޅައި ދަތުރުކުރުމުގެ ހުއްދަ ހޯދުމުން، 30 ދުވަހުގެ އޮން އެރައިވަލް ޓޫރިސްޓް ވީޒާއެއް ދޫކުރާގޮތަށް ވަނީ ހަމަޖައްސައިފައެވެ. އެ މުއްދަތު ފަހަނައަޅައި ދާނަމަ ވީޒާ ހަމަވުމުގެ ރަސްމީ ހަތް ދުވަހުގެ ތެރޭގައި ވީޒާގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅަން ޖެހޭނެކަމަށް އިމިގްރޭޝަނުން ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު