ENGLISH

22 އޭޕްރީލު 2025

Advertisement

ހަށިވިއްކަމުންދިޔަ ވިއެޓްނާމްގެ ފަސް މީހަކު ހައްޔަރުކޮށްފި

28 ޖެނުއަރީ 2025

|

ރާޔާ ރިޒާ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި މީހުން އަތުލައިގެންފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވިއެޓްނާމްގެ ހަތަރު އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ވިއެޓްނާމް ފިރިހެނެކެވެ.

އިމިގްރޭޝަނުން ވިދާޅުވީ އެޖެންޓު އަދި މީގެ ތެރެއިން ތިން އަންހެނުން ރާއްޖޭގައި އުޅެމުންދިޔައީ ވޯކް ވިސާގައި ކަމަށެވެ. މި މައްސަލަތައް އިތުރަށް ތަޙްޤީޤުކުރުމަށްފަހު، މީގެ ތެރެއިން އެއް އަންހެނަކު ވަނީ ޑީޕޯޓުކޮށްފައި ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި ބާކީ ތިބި ހަތަރު ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ.

ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ދަނީ، ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 5000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވެސް ވަނީ ޤާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށްވެސް 1000 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައި ވެސް ހަރަކާތެއް ދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް 25،483 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންެގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ރާއްޖޭގައި ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެެވެ.

ކިޔުންތެރިންގެ ހިޔާލު