ENGLISH
26 ނޮވެމްބަރު 2024
އެމެރިކާގެ އިންތިޚާބު: ޓްރަމްޕް ދެވަނަ ދައުރެއްގެ އުއްމީދު ބޮޑުކޮށްފި
06 ނޮވެމްބަރު 2024
|
ޑޮނަލްޑް ޓްރަމްޕް (ކ) ކަމަލާ ހެރިސް
އެންމެ މަޤްބޫލު
އެމެރިކާގައި އިއްޔެ ބޭެއްވި ރިޔާސީ އިންތިޚާބުގައި ނަތީޖާ ބަދަލުކޮށްލާނެ ވަރުގެ ބޮޑެތި ސްޓޭޓްތަކުގެ ވޯޓު ކާމިޔާބު ކުރައްވައި ރައީސް ކަމުގެ ދެވަނަ ދައުރަކަށް ވަޑައިގަތުމުގެ ފުރުސަތު ޑޮނަލްޑް ޓްރަމްޕް ބޮޑުކޮށްފި އެވެ.
ސްވިންގް ސްޓޭޓްތަކުގެ ގޮތުގައި ބެލެވޭ ޖޯޖިއާ، ނޯތު ކެރޮލީނާ، ޕެންސިލްވޭނިއާ އަދި ވިސްކޮންސިން، ނެވާޑާ، މިޝިގަން އަދި އެރިޒޯނާގައި ކުރީގައި އުޅުއްވަނީ ރިޕަބްލިކަން ކެންޑިޑޭޓް ޓްރަމްޕެވެ.
ތަޖްރިބާކާރުން ބުނާ ގޮތުގައި ވިސްކޮންސިން އާއި މިޝިގަން އަދި ޕެންސިލްވޭނިއާ ގެއްލުމަކީ، އެމެރިކާގެ ފުރަތަމަ އަންހެން ރައީސްގެ ގޮތުގައި ވައިޓް ހައުސް އަށް ވަޑައިގަތުމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ކަމަލާ ހެރިސް އަށް ކުރިމަތިވެވަޑައިގަންނަވާނެ ވަރަށް ބޮޑު ހުރަހެކެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނަ ގޮތުން ކެންޑިޑޭޓަކަށް ކާމިޔާބު ލިބޭނީ އެންމެ ގިނަ އިލެކްޓޯރަލް ވޯޓު ހޯއްދަވައިގެންނެވެ. ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވަން ޖެހޭނެ އެވެ. އިލެކްޓޯރަލް ވޯޓު ކަނޑައަޅާފައި ވަނީ އެކި ސްޓޭޓްތަކުގެ އާބާދީ އަށް ނިސްބަތްކޮށް އަދި އެ ސްޓޭޓެއްގައި ކޮންގްރެސްގައި މެންބަރުން ތަމްސީލްކުރާ ނިސްބަތުންނެވެ. މިސާލަކަށް ކޮންގްރެސްގައި ޕެންސިލްވޭނިއާ ތަމްސީލްކުރާ 19 މެންބަރުން ތިބޭއިރު އެ ސްޓޭޓަށް 19 އިލެކްޓޯރަލް ވޯޓު ލިބޭނެ އެވެ. ސްޓޭޓެއްގެ ހުރިހާ އިލެކްޓޯރަލް ވޯޓު ލިބޭނީ އެ ސްޓޭޓެއްގެ އަޣުލަބިއްޔަތު ވޯޓު ކާމިޔާބު ކުރާ ކެންޑިޑޭޓަކަށެވެ.
ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ލަފާކުރާ ގޮތުގައި 538 އިލެކްޓޯރަލް ވޯޓުގެ ތެރޭން ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ.
މިހާތަނަށް ގުނި ވޯޓުން އަލްޖަޒީރާގެ ލަފާކުރުން ދައްކާ ގޮތުން ޓްރަމްޕަށް 248 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައިވާ އިރު ކަމަލާ އަށް ލިބިވަޑައިގެންނެވީ 214 އެވެ. ބީބީސީގެ ލަފާކުރުން ދައްކާ ގޮތުން ޓްރަމްޕަށް 246 އަދި ކަމަލާ އަށް 194 އެވެ. ސީއެންއެންގެ ނަތީޖާ ދައްކަނީ ޓްރަމްޕަށް 266 އަދި ކަމަލާ އަށް 188 އެެވެ.
2020 ވަނަ އަހަރު: ބައިޑަން 306 - ޓްރަމްޕް 232
2016 ވަނަ އަހަރު: ޓްރަމްޕް 304 - ހިލަރީ 227
2012 ވަނަ އަހަރު: އޮބާމާ 332 - ރޮމްނީ 206
2008 ވަނަ އަހަރު: އޮބާމާ 365 - ޖޯން މެކްކޭން 173