ENGLISH
19 އޭޕްރީލު 2025
ވެރޯނާ ބަލިކޮށް ނަޕޯލީ އެއްވަނައިގައި، އިންޓަރ އަށް އުނދަގޫ މޮޅެއް
13 ޖެނުއަރީ 2025
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ނަޕޯލީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިޓާލިއަން ލީގުގައި ރޭ ހެލާސް ވެރޯނާ 2-0 އިން ބަލިކޮށް، ނަޕޯލީ، ލީގު ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑު ދަމަހައްޓައިފިއެވެ.
މިއީ ލީގުގައި ޖެހިޖެހިގެން ނަޕޯލީ މޮޅުވި ފަސްވަނަ މެޗެވެ. ލީގުގައި އެ ޓީމު އެންމެ ފަހުން ބަލިވީ މިދިޔަ ޑިސެމްބަރު މަހު ލާޒިއޯ އަތުން 1-0 އިންނެވެ.
މި ނަތީޖާއާއެކު، އެއްވަނައިގައި އުޅޭ ނަޕޯލީ އަށް 20 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. ދެވަނައިގައި އޮތް އިންޓަރ މިލާނަށް ދެ މެޗު މަދުން ކުޅެގެން ލިބިފައިވަނީ 43 ޕޮއިންޓެވެ. އެޓަލާންޓާ އަށް 19 މެޗުން ލިބުނު 42 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު، ހަ ޕޮއިންޓް ފަހަތުން ލާޒިއޯ އޮތީ ހަތަރު ވަނައިގައެވެ.
ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަސްވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގީ ވެރޯނާގެ ގޯލްކީޕަރު، ލޮރެންޒޯ މޯޓިޕޯ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މިއީ ނަޕޯލީގެ ކެޕްޓަން، ޖިއޮވާނީ ޑި ލޮރެންޒޯ ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑީގައި ޖެހިފައި ގޮސް، ވެރޯނާގެ މޯޓިޕޯ ގައިގައި ވެސް ޖެހިފައި ވަތް ގޯލެކެވެ. މި ގޯލާއެކު ނަޕޯލީން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.
ވެނެޒިއާ އާ އިންޓަރ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ނަޕޯލީގެ ދެވަނަ ލަނޑު، 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރޭންކް އަންގީސާ އެވެ. އަންގީސާ ވަނީ ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރުމުގެ ތެރެއިން، ކެންސަރު ބަލީގައި މިދިޔަ ހަފްތާގައި މަރުވި އެ ކުލަބުގެ ސަޕޯޓަރަކަށް އެ ގޯލު ޚާއްސަކޮށްފައެވެ.
މި މެޗުން ބަލިވި ވެރޯނާ އޮތީ 16 ވަނައިގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. ރެލިގޭޝަން ޒޯނާއި ވެރޯނާއާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ރަށުން ބޭރުގައި ވެނެޒިއާ އަތުން އިންޓަރ މޮޅުވީ 1-0 އިންނެވެ. މި މެޗުގައި އިންޓަރގެ ހަމައެކަނި ލަނޑު ޖަހައިދިނީ މަޓެއޯ ޑާމިއަން އެވެ. މިއީ އިންޓަރގެ ކެޕްޓަން، ލަޓާރޯ މާޓިނޭޒް ފޮނުވާލި ބޯޅައެއް ވެނެޒިއާގެ ކީޕަރު، ފިލިޕް ސްޓެންކޮވިޗް އަތުގައި ޖެހިފައި ނިކުތް ބޯޅަ ދެވަނަ ފަހަރަށް ޑާމިއާން އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.