ENGLISH
28 ޑިސެމްބަރު 2025
އުފާވެރި ދުވަހެއް، ނޭޝަނަލް ސަރވިސް ޕްރޮގްރާމްގެ ފުރަތަމަ ބެޗުން 344 ދަރިވަރަކު މިއަދު ދަސްވެނިވެއްޖެ
28 ޑިސެމްބަރު 2025
|
ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަތަނީ ޚިދުމަތް) ގެ ފުރަތަމަ ބުރުގައި ތަމްރީނުހެދި ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ.
މިއީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފެއްޓެވި ޕްރޮގްރާމެކެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު ބައިވެރިން، ޅ. މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނުތައް ފުރިހަމަ ކުރަން ފުރީ މިއަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު އެވެ.
ފުރަތަމަ ބުރުގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އެވެ. ވަޒީރު ޣައްސާންގެ އިތުރުން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ޅ. މާފިލާފުށީގައި ކޯސް ކުރިއަށްދިޔައީ ސެޕްޓެމްބަރު 27 އިން ޑިސެމްބަރު 28 ގެ ނިޔަލަށެވެ. ކޯހުގައި 108 ރަށަކުން 350 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ. ފުރަތަމަ ބެޗުގައި 344 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ދަސްވެނިވި ދަރިވަރުންނަށް ތަމްރީނު ފުރިހަމަކުރި ކަމުގެ ލިޔުން ޙަވާލުކޮށްފައެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ މިންގަނޑުތައް ހާޞިލްކޮށްފައިވާ ދަރިވަރުންނަށް، ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް އެވޯޑްކޮށްފައިވެއެވެ. އެގޮތުން، ތަމްރީނުގައި ބައިވެިރވި 96 އިންސައްތަ ދަރިވަރުންނަށް ވަނީ ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް އެވޯޑްކޮށްފައެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވަނީ ތަމްރީނު ފުރިހަމަކުރި ކެޑޭޓުންނަށް އަޒުމުލައިދިނުން ވެސް ކުރިއަށްގެންގޮސްފަ އެވެ. ކެޑޭޓުންނަށް އަޒުމުލައިދެއްވީ، ޅ. މާފިލާފުށީގެ ނޭޝަނަލް ސަރވިސް ޓްރެއިނިން ސެންޓަރގެ ކޮމާންޑިން އޮފިސަރ ލެފްޓިނެންޓް ކާނަލް ޔޫސުފް ރަޝީދު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ތަމްރީނުވި ދަރިވަރުންގެ އާއިލާތަކުން ވެސް ވަނީ ބައިވެރިވެފައެވެ. ނޭޝަނަލް ސަރވިސްގެ ފުރަތަމަ ބެޗް މިއަދު ތަމްރީނުވިއިރު، ދެވަނަ ބެޗް ފެށުމަށް މިހާރު ވަނީ އިންޓަވިއުތައް ކުރިއަށްގެންގޮސްފަ އެވެ.