ENGLISH

28 ޑިސެމްބަރު 2025

Advertisement

އައިއެސްއަށް ތާޢީދުކުރާ ކަމަށް ބުނާ ހޫދު 23 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

28 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ހޫދު

އިސްލާމިކް ސްޓޭޓް ޕްރޮމޯޓްކޮށް އެ ޖަމާއަތުގެ މެންބަރެއް ކަމަށް ބުނާ ހޫދު މުޙައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ހޫދުގެ މައްޗަށް ދައުވާ އުފުލީ 2015 ވަނަ އަހަރުން ފެށިގެން ޖަނަވަރީ 6, 2022ގެ ނިޔަލަށް ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި ނަންނަމުގައި ޝޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި އެކައުންޓްތައް ކްރިއޭޓްކޮށް، މީނާގެ ފޯނުން އެ އެކައުންޓްތައް ބޭނުންކޮށް، އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް) އާ ގުޅުންހުރި މަޢުލޫމާތާއި ހަބަރު ގެނެސްދޭ ސޯޝަލް މީޑިއާގެ އޮންލައިން ގްރޫޕްތަކުގައި، އެފަދަ އަމަލުތަކާއި ގުޅޭ އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް ހިއްސާކޮށް، ގިނަ ވަގުތުތަކެއް މިކަމުގައި ހޭދަކޮށް އެކި ބަސްބަހުން ލިޔެފައިވާ އިސްލާމިކް ސްޓޭޓްގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރާ ލިޔުންތައް އެހެން މީހުންނަށް ފޯރުކޮށްދީ، އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔެކިޔުންތައް ތަރުޖަމާކުރުމަށްޓަކައި އެކި މީހުންނާ މުޢާމަލާތުކޮށްގެން އެ މަސައްކަތްކޮށް، ސޯޝަލް މީޑިއާގެ އެކި އޮންލައިން ޕްލެޓްފޯމްތަކުގައި އިސްލާމިކް ސްޓޭޓް އަށް ތާއީދުކޮށް، އެކި ގައުމުތަކުގައި ތިބި އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއިދުކުރާ މީހުންނާ މުއާމަލާތުކޮށް، އެކަންކަން ކުރުމަށާއި ސިއްރުކުރުމަށާއި އޮޅުވާލުމަށް ބޭނުންކުރެވިދާނެ ތަފާތު އެކި އެކި އެޕްލިކޭޝަންތައް ގަނެގެން އޭނާގެ ފޯނަށް އަޅައިގެން އައިސްގެ ޚަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްވާތީ ކަމަށް ބުނެ އެވެ.

ހޫދުގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް ކުރުމަށް 18 އޭޕްރީލް ގައި ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފަ އެވެ. އަދި އެ ކޯޓުން މިއަދު ވަނީ އެ މައްސަލަތައް ނިންމާ ހުކުމްކޮށްފަ އެވެ. އެގޮތުން އޭނާގެ މައްޗަށް އުފުލި ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ކުށުން ކުށްވެރިވާ ކަމަށް ކަނޑައަޅާ 15 އަހަރަށް ޖަލަށްލުމަށާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުން ކުށްވެރިވާ ކަމަށް ކަނޑައަޅާ ފަސް އަހަރަށް ޖަލަށްލުމަށާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ގެންގުޅުމުގެ ކުށުން ކުށްވެރިވާ ކަމަށް ކަނޑައަޅާ ތިން އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

ދެން އުފުލި ދެ ދައުވާ ކަމަށްވާ އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާ ސާބިތުނުވާ ކަމަށްވެސް މިއަދު ވަނީ ކަނޑައަޅާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު