ENGLISH
19 އޭޕްރީލު 2025
އޮސަސޫނާ ބަލިކޮށް، އެތުލެޓިކޯ އަލުން އެއްވަނަ އަށް
13 ޖެނުއަރީ 2025
|
ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އަމިއްލަ ދަނޑުގައި އޮސަސޫނާ 1-0 އިން ބަލިކޮށް، އެތުލެޓިކޯ މެޑްރިޑު، ސްޕެނިޝް ލީގުގެ ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މިއީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އެތުލެޓިކޯ ޖެހިޖެހިގެން މޮޅުވި 14 ވަނަ މެޗެވެ. މީގެތެރޭގައި ލީގުގައި އެންމެ ފަހުން ކުޅުނު 8 މެޗު ހިމެނެއެވެ.
މި ނަތީޖާއާއެކު، އެތުލެޓިކޯ އެއްވަނައިގައި އޮތީ 19 މެޗުން 44 ޕޮއިންޓް ހަމަކޮށްގެންނެވެ. އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑެވެ. ތިންވަނައިގައި އޮތް ބާސެލޯނާ އަށް 19 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ދެ ޕޮއިންޓް ފަހަތުން ހަތަރު ވަނައިގައި އޮތީ އެތުލެޓިކް ބިލްބާއޯ އެވެ.
އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން އެ ޓީމުން ޑޮމިނޭޓްކުރި ނަމަވެސް، އޮސަސޫނާގެ ޑިފެންސުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އޭގެތެރެއިން، އެ ޓީމުގެ ގޯލްކީޕަރު، ސާޖިއޯ ހެރޭރާ ވަނީ އެތުލެޓިކޯގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ހުއްޓުވައިފައެވެ.
ރޭގެ މެޗުގައި އެތުލެޓިކޯ އިން ޖެހި ހަމައެކަނި ލަނޑު، 55 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް އެވެ. މިއީ އެ ޓީމުގެ އެންޓޮއިން ގްރީޒްމަން އާއި ރޮޑްރިގޯ ޑެ ޕޯލް އަދި ކްލެމެންޓް ލޯންގްލޭ ގުޅިގެން އުފެއްދި އެޓޭކަކުން އަލްވަރޭޒް ކާމިޔާބުކުރި ގޯލެކެވެ.
އެތުލެޓިކޯ އަށް ދެން އޮތީ އަންނަ ބުދަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ކޮޕަ ޑެލް ރޭ ގައި ދެވަނަ ޑިވިޝަނުގެ އެލްޗޭއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެއަށްފަހު، އޭގެ ތިން ދުވަސް ފަހުން ލީގުގައި އެ ޓީމު ރަށުން ބޭރުގައި ނުކުންނާނީ ލެގަނޭސްއާ ދެކޮޅަށެވެ.