ENGLISH
19 އޭޕްރީލު 2025
ޕެނަލްޓީ ޖަހައިގެން އާސެނަލް ބަލިކޮށް، ޔުނައިޓެޑް ހަތަރުވަނަ ބުރަށް
13 ޖެނުއަރީ 2025
|
ޕެނަލްޓީ ޝޫޓްއައުޓްއަށް ފަހު ޔުނައިޓެޑްގެ ކީޕަރު، ބަޔިންދިރް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި އާސެނަލް އަތުން ޕެނަލްޓީ ޝޫޓްއައުޓަށްފަހު 5-3 އިން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން އެ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެ، އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުމަށްފަހު ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު އެންމެ ފަހުގެ ޗެމްޕިއަން، ޔުނައިޓެޑަށް ލީޑު ނަގައިދިނީ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އެވެ. މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމުގެ އާޖެންޓީނާ ވިންގް، އަލެހަންދްރޯ ގާނާޗޯ ދިން ބޯޅައަކުން ފެނާންޑޭސް މި ލަނޑުޖެހީ އޭރިޔާތެރެއިން އެއް ފަހަރުން ފޮނުވާލި ބޯޅައަކުންނެވެ.
ޔުނައިޓެޑުން ލީޑު ނެގިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ޕޯޗުގީޒް ފުލްބެކް، ޑިއޯގޯ ޑަލޮޓް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ޑަލޮޓް އަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ އާސެނަލްގެ މިޑްފީލްޑަރު، މިކޭލް މެރީނޯ އަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ގޯލްކީޕަރު، އަލްޓޭ ބަޔިންދީރް އަތުގައި ޖެހިފައި އޭރިޔާތެރޭގައި ފެނުޖެހުނު ބޯޅަ އާސެނަލްގެ ޑިފެންޑަރު، ގެބްރިއެލް މަގާޅައެސް ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ އެއްވަރުކޮށްފައެވެ.
ރޭގެ މެޗުގައި ޔުނައިޓެޑް މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނުމަށްފަހު ޖޯޝުއާ ޒާކްޒީ އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
އޭގެފަހުން، މެޗުގެ 72 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދޭން ރަނުގެ ފުރުޞަތެއް ލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއަކުން އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު، ބެއިންދީރް ވަނީ މަތަކޮށްފައެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން އާސެނަލްގެ ކައި ހަވާޓްޒް އަށް ޔުނައިޓެޑްގެ ޑިފެންޑަރު، ހެރީ މެގުއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ދެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުމަށްފަހު ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓަށްފަހު އެވެ. ޕެނަލްޓީގައި ޔުނައިޓެޑުން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ، ފެނާންޑޭސް، އަމަދު ޑިއާލޯ، ލެނީ ޔޯރޯ، ލިސަންދްރޯ މާޓިނޭޒް އާއި ޖޯޝުއާ ޒާކްޒީ އެވެ.
އާސެނަލުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. އާސެނަލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އޮޑެގާޑް، ޑެކްލަން ރައިސް އާއި ތޯމަސް ޕާޓޭ އެވެ. އެ ޓީމަށް ނާކާމިޔާބުވީ ކައި ހަވާޓްޒް ފޮނުވާލި ޕެނަލްޓީ އެކަންޏެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އިތުރު ވަގުތުގެ ކުޅުމަށްފަހު ޓޮޓްނަމް ހޮޓްސްޕަރ ވަނީ 3-0 އިން ފަސްވަނަ ޑިވިޝަނުގެ ޓެމްވޯތު އަތުން މޮޅުވެފައެވެ. ހަތަރުވަނަ ޑިވިޝަނުގެ ބްރޮމްލީ އަތުން ފަހަތުން އަރައި 3-1 އިން ނިއުކާސަލް ޔުނައިޓެޑް މޮޅުވިއިރު، ކްރިސްޓަލް ޕެލަސް ވަނީ ތިންވަނަ ޑިވިޝަނުގެ ސްޓޮކްޕޯޓް އަތުން 1-0 އިން މޮޅުވެފައެވެ.
އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ ފާހަގަކޮށްލެވޭ ބައެއް މެޗުތައް:
މެންޗެސްޓަރ ޔުނައިޓެޑް – ލެސްޓަރ ސިޓީ
ބްރައިޓަން – ޗެލްސީ
ބާމިންހަމް ސިޓީ – ނިއުކާސަލް ޔުނައިޓެޑް
އެސްޓަން ވިލާ – ޓޮޓްނަމް ހޮޓްސްޕަރ
އެކްސެޓަރ ސިޓީ – ނޮޓިންގހަމް ފޮރެސްޓް
ޕްލައިމަތު އާގައިލް – ލިވަޕޫލް
އެވަޓަން – ބޯންމައުތު
ލޭޓަން އޮރިއެންޓް/ޑާބީ ކައުންޓީ – މެންޗެސްޓަރ ސިޓީ