ENGLISH
19 އޭޕްރީލު 2025
ރެއާލް ބަލިކޮށް ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބުކޮށްފި
13 ޖެނުއަރީ 2025
|
ބާސެލޯނާގެ ކުޅުންތެރިން ސުޕަ ކަޕް ޓްރޮފީ އާއެކު. --ފޮޓޯ: ބާސެލޯނާ
ފަހަތުން އަރައި 5-2 ގެ ނަތީޖާއަކުން ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކާމިޔާބުކޮށްފިއެވެ.
މިއީ ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބުކުރި 15 ވަނަ ފަހަރެވެ. މި މުބާރާތް މިހާތަނަށް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ވެސް ބާސެލޯނާއިންނެވެ. ދެން އެންމެ ގިނައިން ކާމިޔާބުކުރި ރެއާލުން ވަނީ 13 ފަހަރު ޗެމްޕިއަންކަން ހޯދައިފައެވެ.
ސައުދީ އަރަބިއާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ފްރާންސްގެ ތަރި، ކީލިއަން އެމްބާޕޭ އެވެ.
ބާސެލޯނާ އިން އެއްވަރުކުރި ލަނޑު، 22 ވަނަ މިނެޓުގައި ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ ދިން ބޯޅައަކުން ލަމީން ޔަމާލް ކާމިޔާބުކޮށްދިންއިރު، މެޗުގެ 36 ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން ލެވަންޑޯސްކީ ވައްދާލި ލަނޑުންނެވެ.
ބާސެލޯނާ އަށް ލަނޑުޖަހައިދިނުމަށްފަހު ރަފީނިއާ އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
މި މެޗުގައި ބާސެލޯނާ އިން ޖެހި ތިންވަނަ ލަނޑު، 39 ވަނަ މިނެޓުގައި ޖޫލްސް ކޫންޑޭ ނަގައިދިން ހުރަހެއްގެ އެހީގައި ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ. ރަފީނިއާ މި ލަނޑުޖެހީ ބޮލުންނެވެ.
އޭގެފަހުން، މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރަފީނިއާ ދިން ބޯޅައަކުން އަލެކްސް ބާލްޑޭ ކާމިޔާބުކުރި ގޯލާއެކު އެ ޓީމު މި ހާފު ނިންމާލީ 4-1 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިން މިނެޓުގެ ތެރޭގައި ރަފީނިއާ ވަނީ ބާސެލޯނާގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މިއީ އެ ޓީމުގެ ޒުވާން މިޑްފީލްޑަރު، މާކް ކަސާޑޯ ދިން ބޯޅައަކުން ރަފީނިއާ ކާމިޔާބުކުރި ގޯލެކެވެ.
ބާސެލޯނާއާ ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް
މެޗުގެ 56 ވަނަ މިނެޓުގައި ރެއާލްގެ ފޯވާޑް، އެމްބާޕޭ އަށް ކުރި ފައުލަކާ ގުޅިގެން ބާސެލޯނާގެ ގޯލްކީޕަރު، ވޮޝިއެކް ޝެޒްނީ އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.
މިއާއެކު، މެޗުގެ ބާކީބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބާސެލޯނާ ކޮޅަށް ރެއާލްގެ ދެވަނަ ލަނޑުޖަހައިދިނީ ސީދާ ހިލޭޖެހުމެއްގެ އެހީގައި ރޮޑްރީގޯ އެވެ. އޭރު އެ ޓީމުގެ ގޯލު ބަލަހައްޓަމުން ގެންދިޔައީ، އިނާކީ ޕެނާ އެވެ.
އޭގެފަހުން، ރެއާލުން އިތުރު ގޯލެއް ޖެހުމަށް ކުރި މަސައްކަތްތައް ހުއްޓުވުމުގައި ބާސެލޯނާ އިން ވަނީ 10 ކުޅުންތެރިންނާއެކު ކުޅެ، ކާމިޔާބު ހޯދައިފައެވެ.