ENGLISH

19 އޭޕްރީލު 2025

Advertisement

ޕެނާ އަށް ޖާގަ ގެއްލުނީ ޓީމު ބައްދަލުވުމަށް ލަހުން ހާޒިރުވުމުން: ފްލިކް

12 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ބާސެލޯނާގެ ކީޕަރުން ކަމަށްވާ، ޝެޒްނީ (ކ) އާއި ޕެނާ. --ފޮޓޯ: ގެޓީ އިމޭޖަސް

ބާސެލޯނާގެ ގޯލްކީޕަރު، އިނާކީ ޕެނާ އަށް އެންމެ ފަހުން ކުޅުނު ދެ މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ގެއްލުނީ ބައްދަލުވުމަށް ލަހުން ހާޒިރުވުމުން ކަމަށް އެ ޓީމުގެ ކޯޗު، ހަންސީ ފްލިކް ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ޕެނާ ވަނީ، ބާސެލޯނާގެ އެއްވަނަ ގޯލްކީޕަރު، މާކް އަންދްރެ ޓަ ސްޓެގަންގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން މި ސީޒަނުގައި ނުކުޅެވޭނެކަން ކަށަވަރުވުމުން ބަދަލުގައި ކުޅެން ނިކުމެ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

އެހެންނަމަވެސް، ބާސެލޯނާ އެންމެ ފަހުން ކޮޕަ ޑެލް ރޭގައި ކުޅުނު މެޗާއި، ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލްގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ބެލެހެއްޓީ ހިލޭ ޓްރާންސްފަރއެއްގައި އެ ޓީމަށް ބަދަލުވި، ޕޮލެންޑްގެ ގޯލްކީޕަރު، ވޮޝިއެކް ޝެޒްނީ އެވެ.

ބާސެލޯނާގެ ގޯލްކީޕަރަށް ކުޅޭ ކުޅުންތެރިޔާ އަށް ގެނައި ބަދަލާ ގުޅޭގޮތުން ކޯޗު، ފްލިކް ބުނީ، ޕެނާ އަށް އެއްވަނަ ކީޕަރުގެ މަގާމު ގެއްލުނީ ވިދިވިދިގެން ތިން ފަހަރު މަތީން ޓީމުގެ ބައްދަލުވުމަށް ލަހުން ހާޟިރުވުމުން ކަމަށެވެ.

ބާސެލޯނާގެ އެއްވަނަ ކީޕަރު، ޓަ ސްޓެގަން އަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން އެ ޓީމު މިހާތަނަށް ކުޅުނު 19 މެޗެއްގައި ގޯލު ބަލަހައްޓާފައިވާ ޕެނާގެ ބަދަލުގައި ކުރިއަށް އޮތް މެޗުގައި ޝެޒްނީ ކުޅުވުމާ ގުޅޭގޮތުން ފްލިކް ބުނީ، ޕެނާ އާއި ޖޫލްސް ކޫންޑޭ ވެސް ޓީމު ބައްދަލުވުންތަކަށް ތިން ފަހަރުމަތީން އައީ ލަހުން ކަމަށެވެ.

ބާސެލޯނާއާ ރެއާލް ބައްދަލުކުރި މެޗުގައި ޕެނާ (ކ) ކުޅެނީ. --ފޮޓޯ: ގެޓީ އިމޭޖަސް

މިއާއެކު، ކުރިއަށް އޮތް ސުޕަ ކަޕް ފައިނަލްގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ 'އެލް ކްލެސިކޯ' ގައި ޕެނާ އަށް ފުރަތަމަ އެގާރައިން ޖާގަ ލިބިދާނެ ކަމާ މެދުވެސް ޔަޤީންކަމެއް ނެތް ކަމަށް ފްލިކް ވަނީ ބުނެފައެވެ.

"އަހަރެންނަކީ އެއްވެސް އިރެއްގައި ޓީމުގެ ފުރަތަމަ އެގާރައާ ބެހޭގޮތުން ވާހަކަ ނުދައްކާ މީހެއްކަން އެނގެންވާނެ،" ފްލިކް ބުންޏެވެ.

ފްލިކް ބުނީ، ސީޒަނުގެ ކުރީބައިގައި ޕެނާ ވަނީ ރަނގަޅު ކުޅުމެއްދައްކާފައި ކަމަށެވެ. އެކަމަކު، ސްޕެއިނުގައި ގެންގުޅެނީ މުޅިން ތަފާތު މެންޓަލިޓީއެއް ކަމަށާއި، އެންމެންނަކީ ޕްރޮފެޝަނަލް މީހުންނަށްވާއިރު، ޙާއްޞަ މެޗުތަކުގައި ފުރިހަމަ އަށް ތައްޔާރުވާން ޖެހޭނެ ކަމަށް ވެސް ފްލިކް ވަނީ ބުނެފައެވެ.

ސުޕަ ކަޕްގެ ޗެމްޕިއަންކަން 14 ފަހަރު ހޯދައިގެން އެންމެ ގިނަ ފަހަރު އެ ތަށި ކާމިޔާބުކޮށްފައިވާ ބާސެލޯނާއިން ވާދަވެރި ރެއާލްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު