ENGLISH

19 އޭޕްރީލު 2025

Advertisement

ނަޕޯލީ ދޫކޮށްލަން ކްވަރަޝްކޭލިއާ ބޭނުންވޭ: ކޮންޓޭ

12 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ނަޕޯލީގެ ކޯޗު، ކޮންޓޭ (ވ) އާއި ކްވަރަޝްކޭލިއާ. --ފޮޓޯ: ގެޓީ އިމޭޖަސް

ނަޕޯލީގެ ޖޯޖިއާގެ ވިންގް، ކްވިޗާ ކްވަރަޝްކޭލިއާ މި ޖަނަވަރީ މަހުގެ ތެރޭގައި އެ ޓީމު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށް އެ ޓީމުގެ ކޯޗު، އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ކްވަރަޝްކޭލިއާ، ނަޕޯލީ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ ދެ އަހަރާއި ހަ މަސް ދުވަސް އެބައޮތެވެ.

"ކްވަރަޝްކޭލިއާ، ކުލަބު ދޫކޮށްލަން އެދިއްޖެ،" ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ކޮންޓޭ ބުންޏެވެ. 

ކްވަރަޝްކޭލިއާ، ނަޕޯލީ އަށް ބަދަލުވީ 2022 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އޭނާގެ ފުރަތަމަ ސީޒަނުގައި އެ ޓީމަށް 33 އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެ ފަހަރުގެ ސީޒަނުގެ ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ކްވަރަޝްކޭލިއާ އެވެ.

ކޮންޓޭ ބުނީ، ކްވަރަޝްކޭލިއާ އާ އޭނާ ވާހަކަ ދެއްކުމުން މި ޖަނަވަރީ މަހުގެ ތެރޭގައި އެ ކުލަބު ދޫކޮށްލަން ބޭނުންވާކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ނަޕޯލީ ކުޅުނު މެޗެއްގައި ކްވަރަޝްކޭލިއާ (ކ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

މިދިޔަ އަހަރުތަކުގައި ނަޕޯލީން ފެނިގެންދިޔަ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ، ކްވަރަޝްކޭލިއާ އެ ޓީމު ދޫކޮށްލަން ބޭނުންވާކަން ހާމަކުރުމާ ގުޅިގެން ކޮންޓޭ ދެއްކި ވާހަކައިގައި ވަނީ، ކްވަރަޝްކޭލިއާ އެ ކުލަބު ދޫކޮށްލަން އުޅޭތީވެ އޭނާ އަމިއްލަ އަށް ވެސް ހިތާމަކުރާ ކަމަށް ބުނެފައެވެ.

ކޮންޓޭ ބުނީ، މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވެސް ކްވަރަޝްކޭލިއާ އެ ކުލަބުގައި ބެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އޭނާގެ ކޮންޓްރެކްޓް އައު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއްކޮށް، ކާމިޔާބުވާގޮތް ނުވި ކަމަށެވެ.

އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ޖޯޖިއާ އާއެކު މޮޅު ކުޅުމެއްދެއްކި ކްވަރަޝްކޭލިއާގެ ސޮއި ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކުލަބުތަކުގެ ތެރޭގައި ޕީއެސްޖީގެ އިތުރުން ލިވަޕޫލް ހިމެނެއެވެ. މީގެތެރެއިން، އޭނާ ސޮއިކުރުން އެންމެ ގާތީ ޕީއެސްޖީ ކަމަށް ފަހުގެ މީޑިއާ ޚަބަރުތައް ބުނެއެވެ.

ނަޕޯލީ އަށް ދެން އެންމެ އަވަހަށް، ހެލާސް ވެރޯނާއާ ދެކޮޅަށް ކުޅެން އޮތް މެޗުގައި ކްވަރަޝްކޭލިއާ ބައިވެރިނުވާން ނިންމާފައިވާ ކަމަށް ވެސް ކޮންޓޭ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު