ENGLISH

19 އޭޕްރީލު 2025

Advertisement

ލީގުގައި ކޮންސެސާއޯގެ ފުރަތަމަ މެޗުން މިލާން މޮޅެއް ނުވި

12 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ކަލިއާރީއާ ދެކޮޅަށް މިލާން ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ކަލީއާރީއާ 1-1 އިން އޭސީ މިލާން އެއްވަރުވެއްޖެއެވެ.

މިއީ އައު ކޯޗު، ސާޖިއޯ ކޮންސެސާއޯ އާ އެކު އެ ޓީމު ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން މިލާން އެންމެ ފުރަތަމަ ކުޅުނު ދެ މެޗަކީ އިޓާލިއަން ސުޕަ ކަޕްގެ ދެ މެޗެވެ. އެ ދެ މެޗު ކާމިޔާބުކޮށް އެ ޓީމު ވަނީ ޓްރޮފީއެއް އުފުލާލައިފައެވެ.

މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ނެދަލެންޑްސްގެ މިޑްފީލްޑަރު، ޓިޖާނީ ރެއިންޑާސް ފޮނުވާލި ބޯޅަ ކަލިއާރީގެ ގޯލްކީޕަރު، އެލިއާ ކަޕްރީލް ހުއްޓުވިއެވެ. މި ހާފުގައި ކަލިއާރީގެ މަޓިއާ ފެލީޗީ ފޮނުވާލި ބޯޅަ މިލާންގެ ކީޕަރު މައިކް މައިގްނޯން ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި މިލާނަށް ލީޑު ނަގައިދިނީ ސްޕެއިނުގެ ފޯވާޑް، އަލްވާރޯ މޮރާޓާ އެވެ. އޭނާ މި ލަނޑުޖެހީ މިލާންގެ ފްރާންސް ޑިފެންޑަރު، ތިއޯ ހެނާންޑޭޒް ދިން ބޯޅައަކުން އެ ޓީމުގެ އެމެރިކާ ފޯވާޑް، ކްރިސްޓިއަން ޕުލިސިޗް ފޮނުވާލި ބޯޅައެއް ކަލިއާރީގެ ކީޕަރު، ކަޕްރީލް މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.

އޭގެކުރީން، ޕުލިސިޗް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، މޮރާޓާ ޖެހި ބޯޅައެއް ގޯލްގެ ބޭރު ދާގަނޑަށް ވެސް އަމާޒުވެފައިވެއެވެ.

މިލާނުން ލީޑު ނެގިތާ ހަތަރު މިނެޓުގެ ތެރޭގައި، ކަލިއާރީ އަށް ނަތީޖާ އެއްވަރުކޮށްދިނީ ނަދީރް ޒޯޓެއާ އެވެ. ކައުންޓާއެއްގެ އެހީގައި ޒޯޓެއާ މި ލަނޑުޖެހީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. މި ބޯޅަ ހުއްޓުވަން މިލާންގެ ކީޕަރު، މައިގްނޯން އަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. މިއީ ލީގުގައި އޭނާ ޖެހި ހަތަރުވަނަ ގޯލެވެ.

އޭގެފަހުން، މިލާން މޮޅުކޮށްދޭން ޕުލިސިޗްގެ އިތުރުން ޓެމީ އެބްރަހަމް އާއި ހެނާންޑޭޒް ފޮނުވާލި ދެ ބޯޅައެއް ކަލިއާރީގެ ކީޕަރު، ކަޕްރީލް ވަނީ ހުއްޓުވައިފައެވެ.

މި ނަތީޖާއާއެކު، މިލާން އޮތީ ތާވަލްގެ 8 ވަނައިގައެވެ. މިލާނަށް 18 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. ރެލިގޭޝަން ޒޯންގައި އޮތް ކަލިއާރީ އަށް 20 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު