ENGLISH
19 އޭޕްރީލު 2025
ކޭންގެ ލަނޑާއެކު ބަޔާން އަށް ހަނި މޮޅެއް
12 ޖެނުއަރީ 2025
|
ރޭގެ މެޗުގައި ޕެނަލްޓީ ސްޕޮޓްމަތީން ކޭން ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް
ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި ބްރޫޝިއާ މުންޗެންގްލަޑްބަކް 1-0 އިން ބަލިކޮށް، ބަޔާން މިއުނިކް ތާވަލްގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑު ދަމަހައްޓައިފިއެވެ.
މި ނަތީޖާއާއެކު، ބަޔާން އެއްވަނައިގައި އުޅެނީ 16 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި ބަޔާ ލެވަކޫސަން އޮތްއިރު، ތިންވަނައިގައި އޮތް އެއިންޓްރަކްޓް ފްރެންކްފާޓަށް ލިބިފައިވަނީ 16 މެޗުން 30 ޕޮއިންޓެވެ. މައިންޒް އޮތީ 16 މެޗުން ހޯދީ 28 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.
ބޮރޫޝިއާ-ޕާކްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބަޔާން އަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވާޑް، ހެރީ ކޭން އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ބަޔާންގެ މައިކަލް އޮލީސޭ އަށް ގްލަޑްބަކްގެ ޑިފެންޑަރު، ލޫކަސް އުލްރިކް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި ގޯލާއެކު ކޭން ވަނީ ލީގުގެ ލަނޑުލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފައެވެ. ގްލަޑްބަކް ކޮޅަށް ޖެހި ގޯލަކީ ލީގުގައި ކޭން ޖެހި 15 ވަނަ ލަނޑެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގެ ނަތީޖާއަށް ބަލާއިރު، މިސްރުގެ ފޯވާޑް، އޮމަރް މަރްމޫޝްގެ ގޯލާއެކު ފްރެންކްފާޓް ވަނީ ރަށުން ބޭރުގައި 1-0 އިން ސެއިންޓް ޕައުލީ ބަލިކޮށްފައެވެ.
މައިންޒްގެ ދަނޑުގައި އެ ޓީމުން ބޯކުމް 2-0 އިން ބަލިކުރިއިރު، ވުލްފްސްބާގުން ވަނީ ރަށުން ބޭރުގައި 1-0 އިން ހޮފެއިންހެއިމް އަތުން މޮޅުވެފައެވެ. ފްރެއިބާގްގެ ދަނޑުގައި އެ ޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ހޯލްސްޓެއިން ކިއެލް ބަލިކޮށްފައެވެ.