ENGLISH

19 އޭޕްރީލު 2025

Advertisement

ޓޮރީނޯ އަތުން ޔުވެންޓަސް މޮޅެއް ނުވި، އެޓަލާންޓާއާ އުދިނޭޒީ ވެސް ވީ އެއްވަރު

12 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ޔުވެންޓަސްއާ ޓޮރީނޯ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

އިޓާލިއަން ލީގުގައި ރޭ ކުޅުނު 'ޓިއުރިން ޑާބީ' ގައި ޓޮރީނޯއާ 1-1 އިން ޔުވެންޓަސް އެއްވަރުވެއްޖެއެވެ.

ޓޮރީނޯގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 8 ވަނަ މިނެޓުގައި ޔުވެންޓަސްގެ ތުރުކީ ފޯވާޑް، ކެނާން ޔިލްޑީޒް ވަނީ ލީޑު ނަގައިދީފައެވެ. މިއީ ޔުވެންޓަސް އަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ޖެހި ދެވަނަ ގޯލެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޓޮރީނޯ އަށް އެއްވަރުކޮށްދިނީ ޔަން ކަރަމޯ ދިން ބޯޅައަކުން ކްރޮއޭޝިއާގެ މިޑްފީލްޑަރު، ނިކޮލާ ވްލަސިޗް އެވެ. މި ގޯލާއެކު ދެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ޓޮރީނޯގެ ކޯޗު، ޕައޮލޯ ވަނޯލީ އާއި ޔުވެންޓަސްގެ ކޯޗު، ތިއާގޯ މޮޓާ އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. ދެ ޓީމުގެ ކޯޗުންނަށް ރަތް ކާޑު ދެއްކީ ޓޮރީނޯގެ ކަރަމޯ އަށް ޔުވެންޓަސްގެ އޭރިޔާ ބޭރުން އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ، ނިކޮލޯ ސަވޯނާ ކުރި ފައުލަކާ ގުޅިގެން އުފެދުނު ހަމަނުޖެހުމާ ގުޅިގެންނެވެ.

އުދިނޭޒީއާ އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

މެޗުން ޔުވެންޓަސް މޮޅުކޮށްދޭން ނިކޯ ގޮންޒާލެޒް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޓޮރީނޯގެ ގޯލްކީޕަރު، ވަންޔާ މިލިންކޮވިޗް-ސަވިޗް ވަނީ ހުއްޓުވައިފައެވެ.

މި ނަތީޖާއާއެކު، ޔުވެންޓަސް އަދިވެސް އޮތީ ފަސްވަނައިގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ޓޮރީނޯ އޮތީ 20 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.

މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އުދިނޭޒީގެ ދަނޑުގައި އެ ޓީމުން ވަނީ އެޓަލާންޓާއާ ލަނޑެއްނުޖެހި އެއްވަރުވެފައެވެ. މި މެޗުން އެޓަލާންޓާ އަށް ޕޮއިންޓެއް ހޯދައިދިނުމުގައި އެ ޓީމުގެ ގޯލްކީޕަރު، މާކޯ ކާނެސެއްޗީ ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.

މި މެޗުން އެއްވަރުވުމާއެކު އެއްވަނައިގައި އުޅޭ ނަޕޯލީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްލަން އެޓެލާންޓާ އަށް ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. ނަޕޯލީ އެއްވަނައިގައި އޮތީ 19 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އެޓަލާންޓާ އޮތްއިރު، ތިންވަނައިގައި އޮތް އިންޓަރ މިލާނަށް ދެ މެޗު މަދުން ކުޅެގެން ލިބިފައިވަނީ 40 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު